ހުޅުމާލޭގައި ބަޔަކު ބިދޭސީއަކަށް ހަމަލާދީ އޭނާގެ ވޮލެޓާއި ފޯނު ފޭރިގެންފި އެވެ.

ފުލުހުން ވަނީ ހުޅުމާލޭގައި މިރޭ މިފަދަ ހާދިސާއެއް ހިނގިކަން ކަށަވަރުކޮށްދީފަ އެވެ.

ފުލުހުން ބުނި ގޮތުގައި އަނިޔާވި ބިދޭސީ މީހާ ވަނީ އިތުރު ފަރުވާއަށް ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭނާއަށް މިހާރު އެ ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.

ބިދޭސީމީހާއަށް ހަމަލާދިނީ ތޫނު އެއްޗަކުން ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ކަށަވަރުކޮށެއް ނުދެ އެވެ. މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށާއި، މައްސަލައިގެ އިތުރު މައުލޫމާތު ހާމަ ކުރެވޭނީ ތަހުގީގަށް ފަހު ކަމަށް ފުލުހުން ބުންޏެވެ.

އަނިޔާ ލިބުނު ބިދޭސީ މީހާގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަން ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެނެ އެވެ. އަދި އެ މީހާ އޮތީ ބިންމަތީގަައި ހަރަކާތް ހުއްޓިފަ އެވެ.