11 Jan 2021, 00:10
ގއ. ދެއްވަދުއިން ފެނުނު ކޭސްއާ ގުޅިގެން މިހާތަނަށް އެ ކްލަސްޓާއިން 22 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.
އެޗްއީއޯސީން މިރޭ ބުނީ، މިއަދު ދެއްވަދޫއިން އިތުރު ނުވަ ކޭސް ފެނިފައިވާކަމަށެވެ. އެއާއެކު ދާންދުއިން ޖުމްލަ 16 ކޭސް ފެނިފައެވެ.
ދެއްވަދޫ ކްލަސްޓާގައި ދެން ހިމެނެނީ ލ. ފޮނަދުއިން ޕޮޒިޓިވްވި ހަތަރު މީހަކާއި ހުޅުމާލެއިން ޕޮޒިޓިވްވި ދެ މީހެކެވެ.
އެ ކްލަސްޓާއިން ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް 149 މީހަކު ވަނީ ދެނެގަނެވިފައެވެ. އޭގެ ތެރެއިން 50 މީހުންނަކީ ހައިރިސްކް މީހުންނެވެ.
ދެއްވަދޫއިން އެންމެ ފުރަތަމަ ކޭސްއެއް ފެނުނީ މިދިޔަ މަހު 24ގައި ކަރަންޓީން ހުރި މީހަކު ޕޮޒިޓިވްވެގެންނެވެ. އެއާއެކު އެރަށް އަދިވެސް އޮތީ މޮނީޓަރިންގެ ހާލަތުގައެވެ.
ދެއްވަދޫގެ ކޮވިޑް-19 ކޭސްތައް ގިނަވަމުންދާއިރު، އެޗްޕީއޭއިން ވަނީ މިދިޔަ ނޮވެމްބަރު 30 ވަނަ ދުވަހަށް ފަހު ދެއްވަދޫން އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ގޮސްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތު ސެންޓަރަށް އެކަން އަންގަން އެދިފަ އެވެ.
އެ މުއްދަތުގައި ދެއްވަދޫން ގޮސްފައިވާ ފަރާތެއްވާ ނަމަ، ސާމްޕަލް ނަގާ ނެގެޓިވް ނަތީޖާ ލިބެންދެން، ކަރަންޓީނުގައި ތިބުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.