13 Jan 2021, 22:23
މިއަދު ރާއްޖެއިން ކޮވިޑް19އަށް 59 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. އޭގެ ތެރެއިން 33 މީހުން ޕޮޒިޓިވްވެފައި ވަނީ ރިސޯޓުތަކުންނެވެ.
މިއަދު 59 ކޭސް ފެނުނު އިރު، އިއްވެސް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ 59 އެކެވެ.
އެޗްޕީއޭ އިން މިރޭ އާންމުކުރި ކޮވިޑް19ގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ނެގި 3،318 ސާމްޕަލް އިން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހަދުން ނުވަ މީހެކެވެ. އަތޮޅު ތެރެއިން ޕޮޒިޓިވްވެފައިވަނީ ނުވަ މީހުންނެވެ.
ރިސޯޓުތަކުން ޕޮޒިޓިވްވި 33 މީހުންގެ ތެރެއިން 27 މީހުންނަކީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުގެ މުވައްޒަފުންނެވެ.
އެޗްޕީއޭ އިން ބުނީ، އެ ރިސޯޓުން ފުރަތަމަ ކޮވިޑް ކޭސްއެއް ފެނުނީ މިމަހު ތިން ވަނަ ދުވަހު އެ ރިސޯޓުގެ މުވައްޒަފަކު ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްޓަކައި ހެދި ކޮވިޑް ޓެސްޓުން ކަމަށެވެ. އެ ކޭސްއާ ގުޅިގެން އޭނާއާ ކޮންޓެކްޓްވި އަށް މީހުން ކަރަންޓިން ކުރެވުނު ކަމަށް އެޗްޕީއޭއިން ބުންޏެވެ.
މިމަހު 11 ވަނަ ދުވަހު ބަލީގެ އަލާމަތްތައް ހުރެގެން އެ ރިސޯޓުން ޓެސްޓު ކުރެވުނު ހަތަރު މީހަކުވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ. އެ 11 މީހުންނަކީ އެ ރިސޯޓުން ފެނުނު ފުރަތަމަ ކޭސްއާ ގުޅިގެން ކަރަންޓީން ކުރެވުނު މީހުން ނޫން ކަމަށްވެސް އެޗްޕީއޭ އިން ބުންޏެވެ.
އެއާއެކު އިއްޔެ އެ ރިސޯޓުން ރޭންޑަމް ސާމްޕަލް ނަގަން ފެށިއެވެ. އެގޮތުން މިއަދު ނަތީޖާ ލިބުނު 98 ސާމްޕަލްގެ ތެރެއިން 19 މީހަކު ކޮވިޑަށް ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ބުންޏެވެ. އޭގެ އިތުރުން ބަލީގެ އަލާމަތްތައް ހުރެގެން ޓެސްޓް ކުރެވުނު އަށް މުވައްޒަފުން ޕޮޒިޓިވްވެފައިވާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.
އެއާއެކު ޖުމްލަ 32 މީހަކު ސަންގެލި ރިސޯޓުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު ވަނީ 14،277 އަށް އަރާފައެވެ.
އޭގެ ތެރެއިން ޖުމްލަ 13،365 މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިވަގުތު ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 783 އެވެ. އޭގެ ތެރެއިން 54 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދަކީ، 49 އެވެ.