ނިއުދިއްލީ (ޖަނަވަރީ 17) : އިންޑިއާގައި އިއްޔެފެށި ކޮވިޑް-19 ގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ބުރުގައިވެސް 300 މިލިޔަން މީހުންނަށް ވެކްސިން ޖެހުމަށް އަމާޒުހިފާފައިވާ ކަމަށް އެގައުމުން ބުނެފިއެވެ.

އިންޑިއާގެ ސިއްހަތާބެހޭ ވުޒާރާ ބުނާގޮތުން މި ބުރުގައި ވެކްސިން ޖަހާ މީހުންގެ ތެރޭގައި އާންމުންގެ 270 މިލިޔަން މީހުންގެ އިތުރުން 26 މިލިއަން ކުޑަކުދިންނާއި، ކޮވިޑް އާ ދެކޮޅަށް ހަރަކާތްތެރިވާ ޑޮކްޓަރުން، ނަރުހުން، ސިއްހީ ޚިދުމަތްތެރިން ގެ 30 މިލިއަން މީހުން ހިމެނެއެވެ. ވެކްސިން ޖެހުމަށްޓަކައި އިންޑިޔާގެ އެކިސްޓޭޓްތަކުގައި ވެކްސިން ދޭ 3006 މަރުކަޒު ގާއިމްކޮށްފައިވާ ކަމަށާ މިއިން ކޮންމެ މަރުކަޒަކުން މަދުވެގެން 300 މީހުންނަށް ވެކްސިން ޖަހާނެކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ކޮވިޑް ވެކްސިން އިންޑިއާގެ މަރުކަޒުތަކަށް ގެންދަނީ

ވެކްސިން ޖެހުމުގެ މި ބިޔަ ހަރަކާތް ފައްޓަވައި ދެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އެވެ. މި ހަރަކާތް ފައްޓަވައިދެއްވަމުން މޯދީ ވިދާޅުވީ މިއީ އިންޑިއާގެ ކުޅަދާނަކަމާއި ގާބިލްކަން ދައްކުވައިދޭ ޙަރަކާތެއްކަމުގައެވެ. އަދި މިއީ ވެކްސިން ޖެހުމަށް ދުނިޔޭގައި ހިންގާ އެންމެ ބޮޑު ހަރަކާތް ކަމަށްވެސް މޯދީ ސިފަކުރެއްވިއެވެ. ނަމަވެސް ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގެ ލީޑަރުން ވެކްސިން ޖެއްސެވި ފަދައިން މޯދީ ކޮވިޑް ވެކްސިން ޖެއްސެވިކަން އެއްވެސް މީޑިއާއަކުން ހާމަކޮށްފައެއް ނުވެއެވެ.

ދުނިޔޭގައި ކޮވިޑް-19 އެންމެ ބާރަށް ފެތުރޭ ދެވަނަ ގައުމު ކަމަށްވާ އިންޑިޔާއިންވަނީ ކޮވިޑް އާ ދެކޮޅަށް ބޭނުންކުރާ އޮކްސްފޯޑް- އަސްޓްރާޒެނެކާ ވެކްސިން އާއި އިންޑިޔާ އަމިއްލަ އަށް އުފައްދާފައިވާ ބާރަތު ވެކްސިން ކުއްލި ހާލަތްތަކުގައި އާންމުންގެ ގަޔަށް ޖެހުމުގެ ހުއްދަ ދީފައެވެ. އިންޑިއާގައި ކޮވިޑް މިހާރު އޮތް ހާލަތަކީ މިފަދަ ކުއްލި ހާލަތެއްކަން އެގައުމުންވަނީ ކަނޑައަޅާފައެވެ.

އިންޑިޔާގެ އެކި ސްޓޭޓްތަކުގައި ގާއިމްކޮށްފައިވާ ވެކްސިންދޭ 3006 މަރުކަޒަކަށް ވެކްސިންގެ 16.5 މިލިއަން ޑޯޒު މިހާތަނަށް ވަނީ ގެންގޮސްފައެވެ. (ނޫސްއެޖެންސީތައް)