24 Jan 2021, 12:24
މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ، އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މަޝްހޫރު ބޮޑީ ބިލްޑަރު، ޝާހީން އިބްރާހިމް ދީދީ (ޝާންޓޭ)އަށް ލިބިފައިވާ ގައުމީ އިނާމު އަތުލުމާމެދު ގޮތެއް ނިންމާނީ ޝަރުއީ މަރުހަލާތައް ނިމުމުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ހަތް ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ޝާންޓޭގެ މައްޗަށް އުފުލި ދައުވާ ސާބިތުވެ، އުމުރަށް ޖަލަށްލުމާއެކު ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ.
އެކަމާ ގުޅިގެން ރައީސް އޮފީހުން ބުނީ، އެފަަދަ މައްސަލަތަކުގައި އަމަލުކުރަމުން އަންނަ ގޮތަކީ، ޝަރުއީ މަރުހަލާ ނިމުމުން އެކަމުގައި އިނާމާ ބެހޭ ކޮމިޓީން ގޮތެއް ނިންމުން ކަމަށެވެ. އެހެން ކަމުން ޝާންޓޭގެ މައްސަލައިގައިވެސް ޝަރުއީ މަރުހަލާ އެއްކޮށް ނިމުމުން އޭނާގެ އެ ވޯޑް އަތުލުމާ މެދު ގޮތެއް ނިންމާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޝާންޓޭގެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފު ކުރި ކަމެއް އަދި ސާފެއް ނޫނެވެ.
ހަތް ކިލޯގެ މަސްތުވަތާކެއްޗާއެކު ޝާންޓޭ ގަ އެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެވެ. ޖޫރިމަނާގެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދެއްކުމަށް ވެސް އެ ހުކުމްގައި އޭނާއަށް އަންގާފައި ވެއެވެ.
މިއީ މިހާތަނަށް ޑްރަގް މައްސަލައެއްގައި ކަނޑައެޅި އެންމެ ބޮޑު ޖޫރިމަނާ އެވެ.
ޝާންޓޭ ވަނީ، ގައުމީ އިނާމުގެ އިތުރުން އޭޝިއަން ބޮޑީ ބިލްޑިން މުބާރާތުން ރާއްޖެއަށް ރަން މެޑެލް ހޯދައިދީފަ އެވެ. މިސްޓަ މޯލްޑިވްސް އާއި އަދިވެސް އެހެނިހެން ކާމިޔާބުތައް އޭނާ ވަނީ ހޯދާފަ އެވެ.