27 Jan 2021, 14:17
ދިވެހި މީޑިއާގެ އަހްލާގީ މިންގަނޑާ ހިލާފު ކޮންޓެންޓެއްގެ މައްސަލައިގައި، "ދެން އޮންލައިން" އިން ރައްޔިތުންގެ ކިބައިން މައާފަށް އެދެން ޖެހިއްޖެ އެވެ.
މައާފަށް އެދން ޖެހުނީ "ދަރިޔަކު ހޯދުމަށްޓަކައި ރޭކުރުމުގައި ވަކި ގޮތަކަށް ކަންތައް ކުރަން ޖެހޭތަ؟" މި ނަމުގައި އެ ނޫހުގައި މިދިޔަ އޮކްޓޫބަރު މަހުގެ 25 ވަނަ ދުވަހު ޝާއިއުކުރި ރިޕޯޓަކާ ގުޅިގެންނެވެ.
އެ މައްސަލަ ބެލުމަށްފަހު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ "ދެން އޮންލައިން" ގައި ޝާއިއުކުރި އެ ލިޔުމަކީ އެ އިދާރާއިން މައްސަލަ ބެލުމުގައި ބަލައި "ދިވެހި މީޑިއާގެ ހަމަތަކާއި އަހުލާގީ މިންގަނޑު"ގެ 9 ވަނަ މާއްދާއާ އާއި 10 ވަނަ މާއްދާއާ ކަނޑައެޅިގެން ހިލާފު ނިންމުމެއްކަމަށެވެ.
އެ މިންގަނޑުގެ ނުވަ ވަނަ މާއްދާގައި ބުނެފައި ވަނީ؛ "ބަރަހަނާ މަންޒަރާއި ޖިންސީ ވާހަކަތަކާއި ޖިންސީ އަމަލުތަކަށް ހިތްވަރުދޭ ވާހަކަތަކާއި އެފަދަ ކަންކަން ސިފަކޮށްދޭ އެއްވެސް އެއްޗެއް ޝާއިއު ކުރުމުން ދުރުހެލިވާނެ" އެވެ. އަދި 10 ވަނަ މާއްދާގައި ބުނަނީ "ހަބަރާއި މައުލޫމާތު ޝާއިއު ކުރުމުގައި، އާންމު އިޖުތިމާއި މިންގަނޑުތަކަށް ނުފެތޭ، ހަޑިހުތުރު ބަސް ބޭނުން ކުރުމުން ދުރުހެލިވާނެ" ކަމަށެވެ.
މީޑިއާ ކައުންސިލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ލިޔުމުގެ ސަބަބުން ދިވެހި ނޫސްވެރިންނާ މެދު އާންމުންގެ މެދުގައި އޮންނަ ތަސައްވުރު ކިލަނބުވެ، ޒިންމާދާރު މީޑިއާތަކާއި ނޫސްވެރިން ކުރަމުން އަންނަ ޕްރޮފެޝަނަލް މަސައްކަތާމެދު ޝައްކު އުފެދިގެންދެ އެވެ.
މައްސަލައިގައި ޖަވާބުދާރީވާން "ދެން އޮންލައިން" އަށް ދިން ފުރަތަމަ ފުރުސަތުގައި އެ ނޫހުން ކައުންސިލަށް ޖަވާބުދާރީވެފައެއް ނުވާކަން ވެސް ރިޕޯޓުގައި ފާހަގަ ކުރެ އެވެ. އަދި ދެވަނަ ފުރުސަތުގައި، އެ ނޫހުގެ ފަރާތުން އެމްއެމްސީއަށް އެންގީ، އެ ލިޔުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަވާތީ ވެބްސައިޓުން އެ ލިޔުން ނަގާފައިވާ ކަމަށެވެ.
ނަމަވެސް އޭރުވެސް އެ ލިޔުމަށް ވެބްސައިޓުންނާއި ސޯޝަލް މީޑިއާ ލިންކުތައް މެދުވެރިކޮށް އެކްސެސް ވެވޭކަން މައްސަލަ ބެލި ކޮމިޓީއަށް ފާހަގަވެ، މައްސަލައިގައި ގޮތް ނިންމީ އެވެ.
ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ އެ ލިޔުން އަދި އެ ލިޔުމަކީ ބަދުއަހްލާގީ ގުޅުން ހިންގުމަށް މުޖުތަމައުގައި ހިތްވަރު ލިބޭފަދަ ސާފު އިބާރާތްތަކެއް ބަޔާންކޮށްފައިވާ ލިޔުމެއް ކަމަށް ފާހަގަވެފައިވާ ކަމަށެވެ.
އެހެންކަމުން ލިޔުން ނަގާފައިވާ ކަމަށް ބުނެ އެ ނޫހުން ފޮނުވި ސިޓީއަކީ މައްސަލައިގައި ޖަވާބުދާރީވުން ކަމަށް ކޮމިޓީއަށް ގަބޫލުނުކުރެވޭ ކަމަށެވެ.
އެހެންކަމުން އެ ލިޔުމަކީ އަހްލާގީ މިންގަނޑާ ހިލާފު ލިޔުމެއް ކަމަށް ކަނޑައަޅައި، އެ ލިޔުމަށް އެއްވެސް ގޮތަކަށް އެކްސެސް ނުވެވޭނެ ހެން، ވެބްސައިޓުންނާއި ސޯޝަލް މީޑިއާ އިން އެ ލިޔުން އުނިކުރުމަށް ވަނީ އަންގައިފަ އެވެ. އަދި އެ ލިޔުން ނަގައި، އެފަދަ ލިޔުމެއް ޝާއިއުކުރެވުނީތީ އާންމުކޮށް ފެންނާނެހެން ހުރިހާ ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ވެސް ވަނީ އަންގައިފަ އެވެ.
ނަމަވެސް އެކަން އެ މީޑިއާއިން ކޮށްފަިއ ނުވާތީ މީޑިއާ ކައުންސިލްގެ އެންގުންތަކަށް ބޯލެބުމަށް ހަނދާންކޮށްދީ އެ ނޫހަށް ވަނީ އިންޒާރުވެސް ކޮށްފަ އެވެ.
ރިޕޯޓުގައިވާ ގޮތުން އެ މައްސަލަ ބެއްލެވި ތިން މެންބަރުންގެ ކޮމިޓީގައި ހިމެނޭ މެމްބަރު އާތިފް އަބްދުލްހަކީމްގެ ރައުޔު ވަނީ ތަފާތުވެފަ އެވެ. އާތިފްގެ ރައުޔުގައި ވަނީ، ކައުންސިލްގެ ގިނަ މެމްބަރުން މީގެކުރިން އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، މީޑިއާތަކަ ދެކޮޅަށް ފިޔަވަޅު އެޅުމަކީ ކުރަންޖެހޭ ކަމެއް ނޫން ކަމަށެވެ.
މީޑިއާތަކުން އެފަދަ ކޮންޓެންޓު ފެތުރުމަކީ އިއްޔެއަކު މިއަދަކު ކުރަން ފެށި ކަމެއް ނޫން ކަމަށާއި "ދެން އޮންލައިން" އާ ދެކޮޅަށް ފިޔަވަޅެއް އަޅަން ތާއީދުނުކުރައްވާ ކަމަށެވެ.