27 Jan 2021, 16:47
އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން ސާވޭއަކަށް ފ. ނިލަންދުއަށް ދިޔަ އެންވަޔަރަމެންޓް މިނިސްޓްރީގެ މުވައްޒަފެއް ކޮވިޑް-19އަށް ޕޮޒިޓިވްވެއްޖެ އެވެ.
ނިލަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ޖަލީލް މިއަދު "ސަން"އަށް ވިދާޅުވީ، މިދިޔަ ހަފްތާގެ ތެރޭގައި އެޗްޕީއޭގެ ހާއްސަ ހުއްދައިގެ ދަށުން އެ ރަށަށް ދިޔަ އެންވަޔަރަމެންޓް މިނިސްޓްރީ ޓީމެއްގައި ހިމެނޭ މުވައްޒަފަކު ޕޮޒިޓިވްވެފައިވާކަން މިއަދު އެ މިނިސްޓްރީއިން އަންގާފައިވާ ކަމަށެވެ.
މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު ނިލަންދުއަށް ދިޔަ އެ މީހުން ރަށަށް ދިޔައީ ވޭސްޓް މެނޭޖްމަންޓު ސެންޓަރާ ބެހޭ ސާވޭއެއް ހެދުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން މިކޮޅަށް އައީ ވޭސްޓް މެނޭޖްމަންޓް ސެންޓަރާ ބެހޭ ސާވޭއެއް ކުރުމަށް، މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު،" ކަައުންސިލުގެ ރައީސް ވިދާޅުވި އެވެ.
އުޅުނީ މާސްކު އަޅައިގެން ގައިދުރުކަން ބަހައްޓައިގެން ކަމަށް އޭނާ ވިދާޅުވި އެވެ. އެ މީހުން މާލެ ދިޔައީ މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.
ޖަލީލް ވިދާޅުވީ، އެ މީހުން ޕޮޒިޓިވްވުމުން އެޗްޕީއޭގެ ލަފާގެ މަތިން ކޮންޓެކްޓުވި މީހުން ކަރަންޓީނުކޮށް، ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.