29 Jan 2021, 15:20
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާގުޅޭ ގޮތުން އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އަށް މޮރިޝަސް އިން އެ މައްސަލަ ބަލައި ގަނެ ގޮތެއް ކަނޑައަޅަން ނިންމައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން ބުނީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީގެ ދަށުން، ރާއްޖެ އާއި ފޯޅަވެއްސާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އަށް މޮރިޝަސްގެ ފަރާތުން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ބޭއްވީ އިއްޔެ ކަމަށެވެ.
އެ މައްސަލައިގައި އިޖުރާއީ ގޮތުން ރާއްޖެއިން ފާހަގަކުރި ކަންކަމާ ގުޅޭ ގޮތުން އަޑުއެހުންތައް ބޭއްވުމަށްފަހު، މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައަކީ މައުލޫއީ ގޮތުން ބެލޭނެ މައްސަލައެއްކަން ޓްރައިބިއުނަލް އިން ކަނޑައަޅާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
މިއާ އެކު ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަޙައްދާއި މޮރިޝަސްގެ ހާއްސަ އިގުތިސޯދީ ސަރަޙައްދާ ފުށުއަރާ ދިމާއަކާ ބެހޭގޮތުން ޓްރައިބިއުނަލްގައި މައްސަލަ ކުރިއަށް ގެންގޮސް، މުއާހަދާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ އެއްގޮތަށް އެ ސަރަޙައްދާމެދު ގޮތެއް ކަނޑައެޅިގެން ދާނެ އެވެ.
ބައިނަލްއަގުވާމީ އުސޫލުތަކަށް ރިއާޔަތްކުރާއިރު، އާންމު އުސޫލެއްގެ ގޮތުން އެފަދައިން ފުށުއަރާ ސަރަހައްދާމެދު ގޮތެއް ކަނޑައެޅިގެން ދާނީ ހަމަހަމަ އުސޫލަކުން ދެ ގައުމަށް ލިބޭ ގޮތަށް އިކުއިޑިސްޓެންސްގެ އުސޫލު ބޭނުންކޮށްގެން ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
އިނގިރޭސިންގެ އަސްކަރީ ބޭހެއް ގާއިމްކޮށްފައިވާ ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރުމަށް ގޮވާލާ އދ ގެ އާންމު މަޖިލީހުގައި ނެގި ވޯޓްގައި ރާއްޖެއިން ވަނީ އެ ގަރާރާ ދެކޮޅަށް ވޯޓްލީ ހަ ގައުމުގެ ތެރޭގައި ހިމެނިފަ އެވެ. އެކަމާ ގުޅިގެން ސަރުކާރަށް ފާޑުކިޔުންތައް ވެސް އަމާޒުވި އެވެ.
އެކަމާއި ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މީގެ ކުރިން ވިދާޅުވީ، އެ ވޯޓްގައި ރާއްޖެއިން ރަތަށް ފިތަން ޖެހުނީ ފޯޅަވައްސަކީ ރާއްޖެެއާ ބައުންޑަރީއެއް އޮތް ހަމައެކަނި ގައުމަށް ވެފައި، ރާއްޖޭގެ ކޮންޓިނަންޓަލް ޝެލްފް ނޫނީ ސަރަހައްދި އިން ވަކިކުރުމުގެ މައްސަލަ އދ ގައި އޮތުމުން ކަމަށެވެ.
އަދި ފޯޅަވަހި މޮރިޝަސްއާ ހަވާލު ކުރަން ރާއްޖެއިން ތާއީދުކޮށް ވޯޓް ދީފި ނަމަ، އދ ގައި އޮތް މައްސަލަ ނިމޭ ގޮތަކުން ރާއްޖޭގެ ކޮންޓިނަންޓަލް ޝެލުފުން ބައެއް ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އޮތުމަކީ އެކަމަށް ރާއްޖެއަށް ތާއީދު ނުކުރެވުނު ސަބަބު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.