މިއަހަރު ނިމޭއިރު މުޅިން އަލަށް 10 ވަރަކަށް ރަށުގައި ފުލުހުންގެ ހިދުމަތް އަލަށް ފެށުމަށް މަސައްކަތް ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފެށުމަށް އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަތޮޅުތެރޭގައި ފުލުހުންގެ ހިދުމަތް ފުޅާކޮށް, ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިއަހަރު މަދުވެގެން 10 ވަރަކަށް ސްޓޭޝަން ހުޅުވޭނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުން އުއްމީދުކުރާ ފަދަ ހިދުމަތެއް ފުލުހުންގެ ފަރާތުން ލިބުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މިއީ މުހިއްމު ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ އެކަމަށްޓަކައި ފުލުހުންގެ މުއައްސަސާ ހިންގަވަން އިސްކޮށް ތިއްބެވި ބޭފުޅުން މިއަދު ވަރަށް ހަރުދަނާކަމާއެކު ކަންކަން ތަރުތީބުކުރައްވަމުން ގެންދަވާކަމަށެވެ.

"މިއަދު ރަށްރަށުގެ ހާލަތާ ކުށުގެ ވެށި ވަރަށްބޮޑަށް ތަފާތުވެއްޖެ. އެހެންކަމުން ކޮންމެ ރަށެއްގައިވެސް ފުލުހުން ގާއިމްވެ ތިބެ, ކައިރިން ހިދުމަތް ދިނުމަކީ ރައްޔިތުންގެ އަމާންކަމާއި, ރައްކާތެރިކަން ކަށަވަރުކުރުމަށް ކޮންމެހެން ބޭނުންވާކަމެއް ކަމަށް މިއަދު ސަރުކާރު ގަބޫލުކުރޭ. އެސިޔާސަތުގެ ދަށުން ހިދުމަތް ފުޅާކުރުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން. ސަރުކާރުން ވަނީ އެކަމަށް ވަރަށްބޮޑު އިސްކަމެއް ދީފައި،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ އުފާވެރިކަމާއި, ހިތްހަމަޖެހުމާއި, އަމާންކަން ކަށަވަރުވުން އޮތީ ރައްޔިތުންނަށް ވަރަށް މުހިއްމު ދެކަމެއްގެ މައްޗަށްކަމަށެވެ. އެއީ ތަނަވަސްކަމާއި, ރޯދި ބަރަކާތް ލިބުމާއި, އެމީހުންގެ ވެށި އަމާންވެ ރައްކާތެރިވުންކަމަށް ވިދާޅުވި އެވެ.

ކެޔޮދޫގައި އެކަށީގެންވާ ވަރުގެ އިގުތިސާދީ ހަރަކާތްތައް ހިނގާކަން ފާހަގަކުރައްވާ މިނިސްޓަރު އިމްރާން ވިދާޅުވީ ކެޔޮދޫގެ ރައްޔިތުން އެންމެ ބޮޑަށް މިއަދު އިންތިޒާރުކުރަމުން އައީ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުވުމަށް ކަމަށެވެ.

އެންމެންގެ އެހީތެރިކަމާއެކު ފުލުހުންގެ ހިދުމަތް ފެށިގެންދާއިރު ތަނަވަސް, ތިޔާގި, އުފާވެރި އަދި އަމާން ރައްކާތެރި ރަށަކަށް ކެޔޮދޫވާނެކަމަށް އުއްމިދުކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.