31 Jan 2021, 23:45
މި ސީޒަނުގެ ފުރަތަމަ ބުރު ޓީސީގެ ކޯޗުގެ މަގާމުގައި ހުރުމަށް ފަހު ދާދި ފަހުން އެ ޓީމުގެ ކޯޗް ކަމުން އިސްތިއުފާ ދިން ޝާޒްލީ މުހައްމަދު (ޝާޒް) ކުލަބު އީގަލްސްގެ ކޯޗް ކަމަށް ހަމަޖައްސައިފި އެވެ.
ޓީސީ މެނޭޖްމަންޓާ އެކު ދެކެވުނު ވާހަކަތަކަށް ފަހު އެ ޓީމުގެ ކޯޗުކަމުން ޝާޒް އިސްތިއުފާ ދިނީ މިދިޔަ ބުދަ ދުވަހު އެވެ. ޓީސީގެ ކޯޗަކަށް މިހާރު ވަނީ، މިސީޒަންގައި މާޒިޔާއަށް ކޯޗް ކޮށްދިން މުހައްމަދު ނިޒާމް ހަމަޖައްސާފަ އެވެ. އެއީ ޓީސީގެ ކޯޗްކަން އޭނާ ކުރާ ދެ ވަނަ ފަހަރެވެ.
އީގަލްސްއިން އައު ކޯޗެއް ހަމަޖެއްސީ އެ ޓީމުގެ ކޯޗުގެ މަގާމުން މި މަހުގެ 16 ވަނަ ދުވަހު މުޙައްމަދު ޝިޔާޒް (މޯހަން) އިސްތިއުފާ ދިނުމާ ގުޅިގެންނެވެ. މިހާރު އޭނާ އަކީ ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކޯޗެވެ. އެއާއެކު ދިރާގު ދިވެހި ޕްރިމިއާ ލީގުގައި އީގަލްސްއިން އެންމެ ފަހުން ކުޅުނު ދެ މެޗުގައި އެ ޓީމަށް އިރުޝާދު ދީފައިވަނީ އެސިސްޓަންޓް ކޯޗު އަޙްމަދު ނިމާދު (ނިމާ) އެވެ.
މިފަހަރުގެ ޗެރިޓީ ޝީލްޑް ކާމިޔާބު ކުރުމަށްފަހު އަދި ރަނގަޅު ނަތީޖާތަކެއް ޖުމުލަކޮށް ނެރެވިފައި ނުވާ އީގަލްސްއިން އެ ޓީމުގެ ކޯޗަކަށް ޝާޒް ހަމަޖެއްސިކަން ހާމަކުރަމުން ބުނީ، ޝާޒްއާ އެކު މި ފެށި ދަތުރަކީ ކާމިޔާބު ދަތުރަކަށް ހަދާނެ ކަމަށެވެ.
އީގަލްސްގެ ކޯޗުގެ މަގާމާ ޝާޒްލީ ހަވާލުވިއިރު، އެ ޓީމު އޮތީ ލީގުގެ ފުލުން ދެވަނައިގައެވެ. އެ ޓީމަށް ކުޅުނު އަށް މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ. ޝާޒްލީއާއެކު އީގަލްސްއިން ކުޅޭނެ ފުރަތަމަ މެޗަކީ އަންނަ ބުދަ ދުވަހުގެ ހަވީރު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށް ނުކުންނަ މެޗެވެ.