މި ދުވަސްވަރު ކޮވިޑް19 ޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ، މާލެ ސަރަހައްދުގައި އާންމު ހިދުމަތް ދޭ ތަންތަން އެޗްޕީއޭގެ ގައިޑްލައިންއަށް އަމަލުކުރަމުންދޭތޯ ބަލައި ޗެކުކުރަން އެޗްޕީއޭއިން ނިންމައިފި އެވެ.

އެޗްޕީއޭއިން ބުނީ އެ އެޖެންސީއާއި ފުލުހުންނާއި ސަރުކާރުގެ އެހެނިހެން އިދާރާތައް ގުޅިގެން ފަށާ އެ އިންސްޕެކްޝަނުގައި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނާއި ފިހާރަތަކާއި ފިޓްނަސް ސެންޓަރުތަކާއި ސެލޫންތަކުގެ އިތުރުން މާރުކޭޓު ފަދަ އާންމު ހިދުމަތް ދޭ ހުރިހާ ތަނެއް ބަލާނެ ކަމަށެވެ.

މީގެ އިތުރުން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ފޯރުކޮށްދޭ ޓެކްސީ، ލޮރީ، ޕިކަޕް އަދި ޕްރައިވެޓް ހަޔާ ފަދަ އުޅަނދުތައްވެސް އިންސްޕެކްޓް ކުރާނެ ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

އެ އިންސްޕެކްޝަންގެ ތެރެއިން އެޗްޕީއޭއިން ކަނޑައަޅާފައިވާ ގައިޑްލައިންއާ ހިލާފުވާ ކަމަށް ފާހަގަވާ ފަރާތްތަކާމެދު އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު އަންގާ އެންގުންތަކާ ހިލާފުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގައި އަމަލު ކުރާނެ ގޮތުގެ އުސޫލު'' (265-21 ޑިސެމްބަރު 2020) ގެ ދަށުން ފިޔަވަޅު އަޅާނެ އެވެ.

މީގެ ކުރިންވެސް އެކިފަހަރު މަތިން އެޗްޕީއޭއިން ވަނީ މިފަދަ އިންސްޕެކްޝަންތައް ކުރިއަށްގެންގޮސްފަ އެވެ.

ފަހަކަށް އައިސް ކޮވިޑް19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މިދިޔަ ހަތް ދުވަހު މާލެ ސަރަހައްދުން އެކަނިވެސް ޖުމުލަ 641 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.

އެއާއެކު ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި މާލެ ސަރަހައްދުގައި ރޭގަނޑު 12އިން ފަތިހު ހަތަރަކަށް ކާފިއު އިއުލާންކޮށް، ހަފްލާތަކާއި އެއްވުންތަކާއި ޕާޓީ ބޭއްވުން ވަނީ މަނާކޮށްފަ އެވެ.