ތެހެރާން (ފެބްރުއަރީ 3) : ފަޒާއަށް ސެޓަލައިޓާއި އުޅަނދު ފޮނުވުމަށް ޚާއްސަ ރޮކެޓެއް އީރާނުން ކާމިޔާބުކަމާއެކު ތަޖްރިބާކޮށްފިއެވެ.

އީރާނުގެ ސްޕޭސް އެޖެންސީން ބުނީ އެގައުމުން ތަޖްރިބާކުރި ސްޕޭސް ރޮކެޓްގެ ނަމަކީ "ޒުލްޖަނާހް" އެވެ. އެއީ 200 ކިލޯގްރާމް ގެ ބަރުދަން ފަޒާއަށް އުފުލުމުގެ ގާބިލްކަން ލިބިފައިވާ އަދި ސޮލިޑް ފިއުލާއި ލިކުއިޑް ފިއުލް މިކްސްކޮށްގެން ލިބޭ ހަކަތައިން މަސައްކަތްކުރާގޮތަށް އުފައްދާފައިވާ ރޮކެޓެއް ކަމުގައެވެ. އެރޮރެޓް އުފެއްދީ އީރާނުގެ ސްޕޭސް އެޖެންސީގެ ފަޒާގެ ސިނާއަތާބެހޭ ޑިޕާޓްމަންޓުން އަމިއްލަ ޓެކްނޮލޮޖީގައި ކަމަށްވެސް އެޖެންސީން ބުނެއެވެ.

މީގެކުރިން އީރާނުން ޖައްވަށް ސެޓަލައިޓް ފޮނުވަނީ އާދައިގެ ބަލިސްޓިކް މިސައިލް ބޭނުންކޮށްގެންނެވެ. އީރާނުން މިހާތަނަށް ޖައްވަށް 3 ސެޓަލައިޓް ފޮނުވާފައިވާއިރު އޭގެތެރެއިން އެއް ސެޓަލައިޓްއަކީ އަސްކަރީ ޖާސޫސީ ސެޓަލައިޓެކެވެ. އީރާނުން އިއްޔެ ތަޖްރިބާކޮށްފައިވަނީ ބިމުން ފެށިގެން ފަޒާގެ 500 ކިލޯމީޓަރު ދުރުގައިވާ އޯބިޓްތަކަށް ސެޓަލައިޓާއި އުޅަނދުތައް ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ސެޓަލައިޓް ލޯންޗަރެކެވެ.

އީރާނުގެ ސެޓަލައިޓެއް ފަޒާގެ އޯބިޓެއްގައި ދަތުރުކުރަނީ

މި ތަޖްރިބާއަށްފަހު ދެން ޖައްވަށް ސެޓްލައިޓް ފޮނުވުމަށް ބޭނުންކުރާނީ މ ބާވަތުގެ ރޮކެޓްކަމަށާ މިއީ ތިން މަރުހަލާގެ ރޮކެޓެއްކަމަށް އީރާނުގެ ސްޕޭސް އެޖެންސީ އާ ހަވާލާދީ އެގައުމުގެ މީޑިއާ ބުނެއެވެ.

ފަޒާއަށް ސެޓަލައިޓާއި އުޅަނދުތައް ފޮނުވުމަށް ޚާއްސަ ރޮކެޓެއް އީރާނުން ތަޖްރިބާކޮށްފައި މިވަނީ އީރާނުގެ ނިއުކްލިޔާ މަރުކަޒުތަށް ބިމާހަމަކޮށްލެވޭވަރުގެ ވަރުގަދަ ޙަމަލާތަކެއް އީރާނަށް ދިނުމުގެ ޕްލޭންތަކެއް ތައްޔާރުކުރުމަށް އިސްރާއީލުގެ ސިފައިންނަށް އަންގާފައިވާނެކަމަށް ވިދާޅުވެ އިސްރާއީލުގެ ސިފައިންގެ ވެރިޔާ ޖެނެރަލް އަފީފު ކޮޚާފީ އީރާނަށް ހަރުކަށި އިންޒާރެއް ދެއްވާފައި ވަނިކޮށެވެ.

ޖެނެރަލް ކޮޚާފީ މިއިންޒާރަށް އިސްރާއީލުގެ އެތެރެއިންވެސް ވަނީ ފާޑުކިޔާފައެވެ. އިސްރާއީލުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޔޫސީ ކޮހެން ވަނީ ޖެނެރަލް ކޮޚާފީގެ މިއީ ހިކުމަތެއްނެތް ބޭކާރު އިންޒާރެއް ކަމަށް ސިފަކުރައްވާފައެވެ. އިސްރާއީލުގެ ބައެއް މުހައްލިލުން ވިދާޅުވެފައިވަނީ ޖެނެރަލް ކޮޚާފީގެ އިންޒާރަކީ އިސްރާއީލުގެ ސައިޒަށްވުރެ ބޮޑު އިންޒާރެއްކަމުގައެވެ.

އީރާނުން ފަޒާގެ ކޮރެޓް ތަޖްރިބާކޮށްފައި މިވަނީ އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އަލުން އެނބުރި އައުމަށް އެމެރިކާގެ އައު ސަރުކާރުން ކުރާ މަސައްކަތަށް ހުރަސްއެޅުމަށް އިސްރާއީލު މަސައްކަތް ކުރަމުން ގެންދާ ދަނޑިވަޅެއްގައެވެ. އީރާނުގެ ނިއުކްލިޔާ އެއްބަސްވުމަށް އެމެރިކާ އަލުން އެނބުރި އައުމާދެކޮޅަށް މަސައްކަތް ކުރުމުގެ ގޮތުން އެމެރިކާގެ އިސް މަސްއޫލުވެރިންނާ ބައްދަލުކުރެއްވުމަށްޓަކައި އިސްރާއީލުގެ ޖާސޫސީ އިދާރާގެ ވެރިޔާ ޔޫސީ ކޮހެން އިއްޔެވަނީ ވޮޝިންޓަނަށް ވަޑައިގެންފައެވެ. (އަލްޖަޒީރާ+ އަލްއާލަމް)