05 Feb 2021, 08:16
މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް އާދީއްތަ ދުވަހަށް ތާވަލުކޮށްފި އެވެ.
ޔާމީން މާރާލީ އޭޕްރިލް، 23، 2017 ވަނަ ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅޭ އިމާރާތުގެ ސިޑި ކައިރީގައި އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ އެވެ. ފުލުހުންނާއި މަރު ކޮމިޝަނުން ބުނާ ގޮތުގައި ޔާމީން މަރާލީ ދީނީ ގޮތުން ހުރި ދެބަސްވުންތަކެއްގެ ސަބަބުންނެވެ.
އެ މައްސަލާގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ހަ މީހަކަށް ކުރެ އެވެ. އެ މީހުންނަކީ ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި، މ. އިރާސްމިކުގެ، އަހުމަދު ޒިހާން އިސްމާއީލާއި، ގދ. ގައްދޫ ސިންދުބާދުގޭ، މުހައްމަދު ދިފްރާނާއި، މ. ކުދެހިގެ ހަސަން ޝިފާޒާއި، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ.
އެ ހަ މީހުންގެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވާތާ ގިނަ ދުވަސްފަހުން އަންނަ އާދީއްތަ ދުވަހުގެ 11:00އަށް އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމުގައި އޮންނާނީ ހެކިބަހާ ބެހޭ ގޮތުން ވާހަކަ ދެއްކުމާއި ދައުލަތުގެ ވީޑިއޯ ފުޓޭޖުތައް ދެއްކުމެވެ.
މި ފަހަކަށް އައިސް އަޑުއެހުންތައް އޮންލައިންކޮށް ބޭއްވި ނަމަވެސް އެ އަޑުއެހުން ބާއްވާނީ ކްރިމިނަލް ކޯޓުގައި ކަމަށް އެ ކޯޓުން ވަނީ ބުނެފަ އެވެ.
އެ އަޑުއެހުމަށް ނަން ނޯޓު ކުރާ ފަރާތްތަކަށް ވަދެވޭނެ ކަމަށް އެ ކޯޓުން ބުނެފައިވެ އެވެ. ޔާމީންގެ އާއިލާގެ މެމްބަރުންނަށް ނަން ނޯޓު ކުރަން ނުޖެހި އަޑުއެހުމަށް ވަދެވޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބާއްވާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓޭމްބަރު މަހުގެ ތެރޭގަ އެވެ.