05 Feb 2021, 01:31
ކޮވިޑް-19ގެ ހާލަތުގައި ރައްކާތެރިކަމާއެކު ކައުންސިލް އިންތިހާބު ބޭއްވުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިރޭ ނެރެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ހާއްސަ ގާނޫނުގެ ދަށުން އެކުލަވާލި އެ އުސޫލަކީ އިންތިހާބު ބޭއްވުމުގެ އިންތިޒާމު ހަމަޖެއްސުމުގައި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުލަވާލި އުސޫލެކެވެ.
އިންތިހާބަށް ތައްޔާރުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން އަމަލު ކުރަންވީ ގޮތާއި، ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރިކަން ކަށަވަރު ކުރާނެ ގޮތާއި، ސާފުތާހިރުކަން ބަހައްޓާނެ ގޮތާއި، ވޯޓުލާން ދާ މީހުން އަމަލު ކުރަންވީ ގޮތާއި، އެކަހެރިކޮށްފައި ތިބި މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގައި އަމަލު ކުރާނެ ގޮތާއި، ކެމްޕޭން ކުރުމުގައި އަމަލު ކުރަންވާނެ ގޮތް ގޮތް އެ އުސޫލުގައި ހިމަނާފައިވެ އެވެ.
އިންތިހާބުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ މުވައްޒަފުން، ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހެއްގެ ކޮންޓެކްޓަކަށް ވުމުގެ ފުރުސަތު ކުޑަކުރުމަށްޓަކައި ކުދި ގްރޫޕްތަކުގައި މަސައްކަތް ކުރުން ފަދަ އިންތިޒާމްތައް ހަމަޖައްސަން ޖެހޭނެ ކަމަށް އެ އުސޫލުގައިވެ އެވެ. އަދި އިންތިހާބުގެ މަސައްކަތް ނުހުއްޓޭނެ ގޮތަށް ބެކަޕް މަސައްކަތްތެރިންގެ ޓީމެއް ބަަހައްޓަން ސަމާލުކަން ދޭން އަންގާފައިވެ އެވެ. އެ އުސޫލުގައިވާ ގޮތުން މަސައްކަތުގައި އުޅޭ މީހުން އެއްވެސް އަލާމާާތެއް ފެންނަ ނަމަ ވަގުތުން މަސައްކަތުން އެކަހެރިވެ، ސިއްހީ ހިދުމަތްދޭ ތަނަކަށް ދާން ޖެހޭނެ އެވެ.
އޭގެ އިތުރުން، އިންތިހާބު ބޭއްވުމަށް ބޭނުންވާ ލިސްޓުތަކާއި ލިޔުންތައް އޮންލައިންކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުމާއި، ގަލަމާއި ފަންސުރާއި އެފަދަ އެހެނިހެން ތަކެތި އޮފިޝަލުންނަށް ވަކިން ކަނޑައަޅާފައި ބެހެއްޓުން ފަދަ ފިޔަވަޅުތައް އަޅަން އަންގާފައިވެ އެވެ.
އިންތިހާބަށް މަސައްކަތް ކުރުމަށް މީހުން ހޮވާއިރު، އެ ރަށެއްގައި ތިބެގެން މަސައްކަތް ކުރެވޭނެ ފަދަ މީހުންނަށް އިސްކަން ދިނުމަށާއި އެ ފަރާތްތަކަށް ހިންގާ ތަމްރީނުތައް އޮންލައިންކޮށް ކުރިއަށްގެންދިޔުމަށްވެސް އެ އުސޫލުގައި ހިމަނާފައިވެެ އެވެ.
އޭގެ އިތުރުން ވޯޓުލާ މަރުކަޒުތަކުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެޅުމަށް ސެނިޓައިޒާ ބެހެއްޓުމާއި، ކިއުގައި ގައިދުރުކަން ކަށަވަރު ކުރަން ސުޕަވައިޒަރުން ބެހެއްޓުމާއި، ކުޑަދޮރުތައް ހުޅުވާފައިި ބެހެއްޓުމާއި، ގޮނޑިތައް ދުރުދުރުގައި ބެހެއްޓުމާއި، ވޯޓުުލުމަށް ފަހު މަރުކަޒުގައި އެއް ނުވުން ފަދަ ފިޔަވަޅުތައް އެޅުމަށް ހިމަނާފައިވެ އެވެ.
ވޯޓްލާ މަރުކަޒުތަކަށް ދާ މީހުންނާއި، މަސައްކަތުގައި ހަރަކާތްތެރިވާ މީހުންގެ މެދުގައި ކޮވިޑް-19 ފެތުރުން ކުޑަކުރުމަށް ޓަކައި ތަނުގެ ތެރެއަށް އެއްފަހަރާ މީހުން ވަންނަ އަދަދު ނުވަތަ ކިޔޫގައި ތިބޭ މީހުންގެ އަދަދު މަދުކުރުމަށް ވޯޓުލާ ގަޑި އިތުރުކުރުމާއި، ވޯޓުލާ މަރުކަޒުތައް އިތުރުކުރުން ފަދަ އިންތިޒާމްތައް ހަމަޖައްސަން ސަމާލުކަން ދިނުމަށްވެސް އުސޫލުގައި އަންގާފައިވެ އެވެ.
ކޮވިޑްއަށް ޕޮޒިޓިވްވެ އައިސޮލޭޓުކޮށްފައި ތިބި މީހުންނާއި އެ މީހުންގެ ކޮންޓެކްޓުންނާއި އަލާމާތް ހުންނަ މީހުން ވޯޓުލުމަށް ވަކި ތަނެއް އަދި ނުވަތަ ވޯޓުލާން އައުމަށް ވަކި ތަނެއް ހަމަޖެއްސިދާނެ ކަމަށް ގަވައިދުގައިވެ އެވެ. އުސޫލުގައިވާ ގޮތުން އެކަހެރިކޮށްފައި ތިބި މީހުންނަށް އެ މީހުން ތިބި ރަށެއްގައި ވޯޓުލެވޭނެ ގޮތް ހަމަޖައްސަން ޖެހޭނެ އެވެ.
އަދި ޕޮޒިޓިވްވެފައިވާ މީހުންނަށް އެޗްޕީއޭގެ ހުއްދައާއެކު އެހެން މީހުންނާ އެކުނުވާ ގޮތަށް ވަކި ވެހިކަލެއްގައި ވޯޓުލާ މަރުކަޒަށް އައުމަށް އެންގިދާނެ ކަމަށްވެ އެވެ. އަދި ކަމާ ގުޅޭ ފަރާތްތައް ގުޅިގެން އެކަމުގެ އިންތިޒާމު ހަމަޖެއްސިދާނެ ކަމަށްވެ އެވެ.
ކެމްޕޭނަށް ރަށްރަށަށް ދާއިރު ކަރަންޓީނު ވާން ނުޖެހޭ ގޮތް އެ އުސޫލުގައި ހަދާފައި ނުވެ އެވެ. އެ އުސޫލުގައިވާ ގޮތުން ކެމްޕޭނަށް ދާއިރު ކަރަންޓީނުވުމުގެ ގަވައިދާ އެއްގޮތަށް އަމަލު ކުރަން ޖެހެ އެވެ.
ވީހާވެސް ބޮޑަށް އޮންލައިންކޮށް ކެމްޕޭން ކުރަން އުސޫލުގައި ބާރު އަޅާފައިވެ އެވެ. އެގޮތުން ގެއިން ގެއަށް ދިޔުމުގެ ބަދަލުގައި އޮންލައިން ޕްލެޓްފޯމެއް ބޭނުން ކުރުމާއި، ޖަލްސާތައް އޮންލައިންކޮށް ބޭއްވުމަށްވެސް އެ އުސޫލުގައި ބާރު އަޅާފައިވެ އެވެ.
ނަމަވެސް، ގެއިން ގެއަށް ދާ ނަމަ ކޮވިޑް-19ގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން ޖެހޭނެ ކަމަށްވެ އެވެ. އަދި ކެމްޕޭން ޖަލްސާތައް ބާއްވާއިރު، ހަފްލާތަކާއި ރަސްމިއްޔާތު ބޭއްވުމާ ގުޅޭ އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އެކަން ކުރުމަށްވެސް އަންގާފައިވެ އެވެ.