ގދ. ގައްދޫ ކައިރީގައި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ލޮނަދޫ ހުއްޓާއަށް ދަތުރުގޮސް އުޅުނު ކުޑަ ކުއްޖެއްގެ ބޮލަށް ފާރެއް ވެއްޓި ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވީ 17 އަހަރުގެ ފިރިހެން ކުއްޖެއްގެ ގައިމައްޗަށް ބިތްގަނޑެއް ވެއްޓި އަނިޔާވެފައިވާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 08:30 ހާއިރު ލިބިފައިވާ ކަމަށެވެ.

އަދި ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފުލުހުން އެ ސީން އަށް އެޓެންޑުވެ، އެކުއްޖާ ގައްދޫ ހެލްތު ސެންޓަރަށް ގެންގޮސްދީފައިވާނެ ކަމަށެވެ.

ނަމަވެސް އިތުރު ފަރުވާއަށް މިއަދު ހެނދުނު 10:30 ހާއިރު އެކުއްޖާ ވަނީ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. މިވަގުތު އެކުއްޖާއަށް ފަރުވާދެމުން އަންނަނީ އެ ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ސައީދު "ސަން" އަށް ވިދާޅުވީ އެކުއްޖާގެ ހަށިގަނޑުގައި ގިނަ ފްރެކްޗާތަކެއް އެބަހުރި ކަމަށާއި ބޮލަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.

ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ އިރު ހޭހުރި ކަމަށާއި، މިހާރު އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށާއި ކުއްޖާގެ ހާލު ސީރިއަސް ކަމަށް ސައީދު ވިދާޅުވި އެވެ.

ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ.