07 Feb 2021, 00:01
ގދ. ގައްދޫ ކައިރީގައި އޮންނަ، ލޮނަދޫހުއްޓާއަށް ދަތުރުގޮސް އުޅެނިކޮށް ބޮލަށް ސީލިންގެއް ވެއްޓި އަނިޔާވި ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް އޭނާ މާލެ ގެންނަން ނިންމައިފި އެވެ.
ލޮނަދޫހުއްޓާ އަކީ މީގެ ކުރިން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރި ތަނެކެވެ. ނަމަވެސް، މިހާރު އެތަނުގެ މަސައްކަތް ހުއްޓާލާފައި އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ.
ލޮނަދޫ ހުއްޓާއަށް ދަތުރުގޮސް އުޅެނިކޮށް، މިއަދު ހެނދުނު 8:30 އެހާކަންހާއިރު އެ ރަށުގައި ހަދާފައި ހުރި ބާ ވޯޓާ ވިލާއެއްގެ ސީލިންގެއް ބޮލަށް ވެއްޓިގެން އަނިިޔާވީ ގދ. ގައްދޫ، އުމުރުން 17 އަހަރުގެ މުހައްމަދު ފިރުޝާނަށެވެ.
އެ ކުއްޖާ އެންމެ ފުރަތަމަ ގައްދޫ ސިއްހީ މަރުކަޒަށް ގެންދިޔުމަށްފަހު ފަހުން ވަނީ އިތުރު ފަރުވާއަށް ގދ. ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.
އެނގިފައިވާ ގޮތުގައި އެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މިހާރު މާލެއަށް ފުރުވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
އެ ހާދިސާގައި އޭނާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވެ އެވެ. އެގޮތުން އަތާއި ފައިގެ ކަށިތަކެއް ބިންދައިގެން ގޮސްފައިވާއިރު، ބޯވެސް ފަޅައިގެންގޮސްފައިވެ އެވެ.
އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރު އަހްމަދު ސައީދު މިއަދު "ސަން" އަށް ވިދާޅުވީ އެކުއްޖާގެ ހަށިގަނޑުގައި ގިނަ ފްރެކްޗާތަކެއް އެބަހުރި ކަމަށާއި ބޮލަށް ވެސް އަނިޔާވެފައިވާ ކަމަށެވެ.