07 Feb 2021, 14:32
މާލެ ސަރަހައްދުގައި ކޮވިޑް19ގެ ކޭސްތައް އިތުރުވާން ފެށުމުން އެޗްޕީއޭއިން ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މެދުކަނޑާލަން އެންގި ނަމަވެސް ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކަށް ފަރިތަކުރުންތައް ކުރިއަށް ގެންދަން ހުއްދަ ދިނުމަށް ކްލަބް އީގަލްސްއިން ގޮވާލައިފި އެވެ.
ކްލަބު އީގަލްސްއިން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފުޓުބޯޅަ ސީޒަން ފެށީ އެޗްޕީއޭގެ ގައިޑްލައިންއަށް އަމަލުކުރުމަށް ޝަރުތުކޮށް، ހާއްސަ ހުއްދައެއްގެ ދަށުން ކަމަށާއި، ފަރިތަކުރުންތަކުން ފެށިގެން މެދު ކަނޑާލަންދެން ހުރިހާ ކްލަބަކުންވެސް ގައިޑްލައިންތަކަށް އަމަލުކޮށްފައިވާ ކަމަށެވެ.
ފުރަތަމަ ޑިވިޝަންގެ އަށް ކުލަބުގައި ކުޅުންތެރިންނާއި އޮފިޝަލުންނާއެކު ފުޓްބޯޅައިން އާންމްދަނީ އަށް ބަރޯސާވާ 300 އަށް ވުރެ ގިނަ މީހުން އުޅޭ އިރު، ކުލަބުތަކުގެ މުސާރަ ހިނގަނީ ކުޅުންތެރިން ޕްރެކްޓިހަށް ނުކުމެ ކުރާ މަސައްކަތަށެވެ. އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ވާދަ ކުރާ ކުލަބު އީގަލްސްއިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ލީގް ފެށުމުގެއް ހުއްދަ ދެވެން ނެތް ނަމަ ކުލަބުތައް ޕްރެކްޓިސް ކުރުމުގެ ހުއްދަ ދިނުމަކީ ހުރިހާ ކުޅުންތެރިންގެ އާންމުދަނީއަށްޓަކައި ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް އީގަލްސްއިން ބުނެ އެވެ.
"ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް މެދުކަނޑާލިޔަސް، ފަރިތަކުރުންތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު ދިނުމަކީ މިވަގުތު ހުރިހާ ކްލަބެއްގެ ވެސް އެދުމެކެވެ. އަދި ގައިޑްލައިންތަކާ އެއްގޮތަށް ލީގުގެ މެޗުތައް ވެސް އަލުން ފެށުމުގެ ފުރުސަތު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުލަބުތަކަށް ދިނުމަކީ މިކުލަބުގެ ވަރަށް ބޮޑު އެދުމެކެވެ،" އީގަލްސްގެ ބަޔާނުގައި ބުނެފައިވެ އެވެ.
އީގަލްސްިން ބުނީ، އެޗްޕީއޭގެ ގައިޑްލައިނަށް އެފްއޭއެމްއާއި ކްލަބުތަކުން އަމަލުކުރުމުން ދަނިކޮށް ސީޒަން ހުއްޓާލަން ޖެހުމަކީ ލިބުނު ބޮޑު މާޔޫސްކަމެއް ކަމަށާއި މިކަމުގެ ސަަބަބުން ކުލަބުތަކަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށެވެ.
އެޗްޕީއޭ އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން ލީގު ހުއްޓާލަން ޖެހިފައިވަނީ 14 ދުވަހަށެވެ. އެކަމަކު އެ މުއްދަތަށް ފަހު ލީގު ފެށިދާނެތޯ ސުވާލު އުފެދޭތީ ކްލަބްތަކުން ކަންބޮޑުވެ އެވެ. އެއީ ޕްރެކްޓިސް ހުއްޓާލަން ޖެހުމުން އަނެއްކާ ލީގު ފަށަން ޖެހޭނީ ޕްރެކްޓިސް ކުރަން ކޮންްމެވެސް ވަރަކަށް ވަގުތެއް ދީފައި ކަމަށްވާތީ އެވެ. ލީގު މެދުކަނޑާލިއިރު، ފުރަތަމަ ބުރުގެ ކުޅުން ނިމި ދެ ވަނަ ބުރުގައި ބައެއް ކްލަބްތަކުން ވަނީ ދެ މެޗެއް ކުޅެފަ އެވެ.