08 Feb 2021, 08:25
ސަތިޔަމޭވާ ޖަޔަތޭގެ "ދިލްބަރު" ލަވައިން ބޮޑު މަޝްހޫރު ކަމެއް ހޯދި ކުޅަދާނަ ނެށުންތެރިޔާ ނޯރާ ފަތެހީގެ އާ ލަވައެއް އަނެއްކާވެސް ނެރެފިއެވެ.
"ޗޯޅު ދޭގޭ" ގެ ނަމުން ނަންދީފައިވާ އެ ލަވައަކީ ޕަރަމްޕަރާ ޓަންޑަންގެ ލަވައެކެވެ. ލަވައިގެ މިއުޒިކް ހެދީ ވެސް އޭނާއާއެވެ. ނޯރާގެ އެހެން ލަވަތަކާ ޚިލާފަށް މި ލަވައަކީ ކުޑަކޮށް މަޑުމައިތިރި ލަވައެކެވެ. ނެށުމުގެ މާ ގިނަ ހަރަކާތްތަކެއް މި ލަވައިން ނުފެނު ނަމަވެސް މި ލަވައިން ގިނަ ފެނިގެންދިޔައީ ނޯރާގެ އެކްޓިންގެ ހުނަރެވެ.
މަދު މަދުން މިހާރު ފިލްމުތަކުން ވެސް ފެންނަ ނޯރާ އެންމެ ފަހުން ކުޅުނު ވީޑިއޯ ލަވައަކީ "ނާޗް މެރީ ރާނީ"އެވެ. ނޯރާ ވަނީ މިހާތަނަށް ގިނަ ހިޓު ލަވަތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި ހިމެނޭ ބައެއް ލަވަތަކަކީ "އޯ ސާކީ ސާކީ"، "ޕިޔާރު ދޯ، ޕިޔާރު ލޯ" އަދި "އޭކް ތޯޯ ކަމް ޒިންދަގާނީ" ހިމެނެއެވެ. ނޯރާގެ ވީޑިއޯ ލަވަތައް ބޮލީވުޑްގައި "ރަނިކަން ކުރަމުން" އަންނައިރު އޭނާ ވަނީ ވިކީ ކޯޝަލްއާ އެކު "ޕަޗްތާއޯގޭ" ކިޔާ ލަވައެއްވެސް ކުޅެފައެވެ. އަދި އެ ލަވައިގެ އަންހެން ވާޝަނުގައި ވެސް ނޯރާ ވަނީ ހަރަކާތްތެރިވެފައެވެ.