އެމެރިކާގެ ޓެކްސަސްގައި އަންގާރަ ދުވަހު ވަރަށް އާދަޔާ ހިލާފު ޝަރީއަތެއް ކުރިއަށް ގެންގޮސްފި އެވެ. ވާޗުއަލްކޮށް ބޭއްވި މި އަޑުއެހުން ފެށުނުއިރު ފެންނަން ހުރީ ފަނޑިޔާރާއި ދެ ވަކީލުންނާއި ބުޅަލެކެވެ.

މުޅި ސޯޝަލް މީޑިއާގައާއި ދުނިޔޭގެ ބޮޑެތި ނޫސްތަކުގެ ފަލަ ސުރުހީތަކަށް މިހާރު މި ވާހަކަ އަރާފައިވާއިރު، ޒޫމް އެޕްލިކޭޝަން މެދުވެރިކޮށް ބޭއްވި މި އަޑުއެހުމުގެ ވީޑިއޯތައްވެސް ދަނީ ވައިރަލް ވަމުންނެވެ.

ވީޑިއޯގައި ފެންނަން ހުރި ބުޅަލަކީ އަސްލު ބުޅަލެއް ނޫނެވެ. އެއީ ޒޫމްގައި ބޭނުންކުރެވޭ ފިލްޓާ އެކެވެ. ޒޫމް ފިލްޓާ ޖައްސާފައިވަނީ ވަކީލެއް ކަމުގައިވާ ރޮޑް ޕޮންޓަން އެވެ.

އަޑުއެހުން ފެށުމާއި އެކު ފަނޑިޔާރު ވަނީ ވަކީލަށް އިޝާރާތްކޮށް ފިލްޓާ އެއް ޖެއްސިފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި ޖަވާބުގައި ވަކީލުވަނީ އޭނާގެ އަޑުއިވޭތޯ ސުވާލުކޮށް އޭނާއިނީ ލައިވްގައި ކަމަށާއި އަދި އޭނާއަކީ ބުޅަލެއް ނޫންކަމުގައި ވިދާޅުވެފަ އެވެ.

ބުޅާ ފިލްޓާ ރިމޫވް ކުރުމުގެ މަސައްކަތް ވަކީލުގެ އެސިސްޓަންޓް ކުރަމުންދާ ކަމަށް އަޑުއެހުމުގައި ވަކީލް ވިދާޅުވިއިރު ފަނޑިޔާރު ވަނީ އެކަމަށްވެސް އިރުޝާދު ދެއްވާފަ އެވެ.

ވީޑިއޯ މުޅި ސޯޝަލް މީޑީއާގައި ވައިރަލްވުމާއި އެކު ފަހުން ފަނޑިޔާރުވަނީ މުހިންމު އުކުޅެއް ކަމުގައި ވިދާޅުވެ، ވާޗުއަލް އަޑުއެހުމެއްގެ ކުރިން ދަރިއަކު ކޮމްޕިއުޓަރު ބޭނުންކޮށްފައިވާނަމަ ޒޫމް އެޕްލިކޭޝަން ބަލައި ހުރިހާ ފިލްޓަރެއް ނިއްވާލެވިފައިވޭތޯ ޔަގީން ކުރުމަށް ނަސޭހަތް ދެއްވާފަ އެވެ.

އުމުރުން 69 އަހަރުގެ ވަކީލު ވިދާޅުވިގޮތުގައި އަޑުއެހުން ފެށުމާއެކު އޭނާ ނޫން އެހެން މީހުން ސްކްރީނުން ފެނުމުން ލިބުނީ ބޮޑު ހައިރާން ކަމެކެވެ.

ފަނޑިޔާރު ފަހުން ވިދާޅުވެފައިވަނީ އެއީ މަޖާ ވަގުތުކޮޅެއް ނަމަވެސް ހުރިހާ ފަރާތްތަކުންވެސް އެވަގުތު އަމަލުކޮށްފައިވަނީ ވަރަށް ޕްރޮފެޝަނަލްކޮށް ކަމަށެވެ.