ވޮޝިންޓަން (ފެބްރުއަރީ 11): އެމެރިކާގެ ޔުނައިޓެޑް އެއާލައިންސްއިން ފަސިންޖަރުން އެއާޕޯޓަށް ގެންދަން 200 އުދުހޭ ޓެކްސީ ގަންނާނެ ކަމަށް ބުނެފި އެވެ.

ޔުނައިޓެޑް އެއާލައިންސް އިން ބުނި ގޮތުގައި އުދުހޭ ޓެކްސީ އުފައްދާ ކުންފުނި އާޗާގައި އެ އެއާލައިނުން އެހެން ފަރާތްތަކާ އެކު 1.1 ބިލިއަން ޑޮލަރު އިންވެސްޓު ކުރާނެ އެވެ. އަދި އެ ކުންފުނިން އުއްމީދު ކުރަނީ ހެލިކަޕްޓަރެއް ގޮތަށް އުދުހޭ އިލެކްޓްރިކް ޓެކްސީއަށް އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަންގެ ހުއްދަ ލިބި، 2024ގައި ފުރަތަމަ އުޅަނދު ވިއްކޭނެ ކަމަށެވެ.

އާޗާގެ ޓެކްސީ ޑިޒައިން ކޮށްފައި ވަނީ ގިނަވެގެން ހަތަރު މީހުންނާއެކު 60 މޭލަށް (97 ކިލޯމީޓަރަށް) ދަތުރު ކުރެވޭ ގޮތަށެވެ. އަދި އެ ޓެކްސީއަށް ދަތުރު ކުރެވޭނެ އެންމެ ބާރު ސްޕީޑަކީ ގަޑިއަކު 150 މޭލަށެވެ.

އާޗާއިން މިހާރު ރާވާފައި ވަނީ އެއާޕޯޓުތަކުގެ ކައިރީގައި ހުންނަ ތޮއްޖެހިފައިވާ ސަރަހައްދުތަކަށް އުދުހޭ ޓެކްސީގެ ހިދުމަތް ތައާރަފް ކުރާށެވެ. އޭރުން އެއާޕޯޓަށް ދަތުރު ކުރާ މީހުންގެ ސަބަބުން ވައިގެ ތެރެއަށް ބޭރުވާ ކާބަންއޮކްސައިޑްގެ މިންވަރު ދެބައިކުޅަ އެއްބަޔަށް ދަށް ވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

"ވައިގެ ދަތުރުފަތުރުން ދުނިޔެއަށް ލިބޭ ގެއްލުން ރަނގަޅު ޓެކްނޮލޮޖީ ބޭނުންކޮށްފި ނަމަ ކުޑަ ކުރެވިދާނެ. ނަމަވެސް އެކަން ވީހާވެސް އަވަހަށް ހަގީގަތަކަށް ހެދޭނެ ކުންފުނިތައް ހޯދާ، އެމީހުންނަށް އެހީވެވޭނެ ގޮތްތައް ހޯދަން ޖެހޭ،" ޔުނައިޓެޑް އެއާލައިންސްގެ ޗީފް އެގްޒެކެޓިވް ސްކޮޓް ކާބީ ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ބަލިމަޑުކަމުގެ ސަބަބުން ދަތުރުފަތުރު ހުއްޓުމަކަށް އައުމާ ގުޅިގެން މިދިޔަ އަހަރު ޔުނައިޓެޑް އެއާލައިންސްއަށް ހަތް ބިލިއަން ޑޮލަރުގެ ގެއްލުން ލިބުނެވެ. އަދި އެ އެއާލައިންގެ އެތައް ހާސް މުވައްޒަފުންގެ ވަޒީފާ ސަލާމަތްކޮށްފައި ވަނީ އެމެރިކާގެ ސަރުކާރުގެ އެހީއާ އެކުގަ އެވެ.