17 Feb 2021, 16:36
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ކޮވިޝީލްޑް ވެކްސިންއަށް ހުއްދަ ދިނުމާއެކު، އެ ވެކްސިން ޖެހުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ގޮވާލައިފި އެވެ.
މީީގެ ކުރިން ޑަބްލިއުއެޗްއޯގެ ހުއްދަ ނުދެނީސް އެ ވެކްސިން ޖެހުމަށް އިދިކޮޅުން ވަނީ ދެކޮޅު ހަދާފަ އެވެ.
އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިންގެ ފޯމިއުލާ ބޭނުންކޮށްގެން އިންޑިއާގެ ސެރަމް އިންސްޓިޓިއުޓް އިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން ޖެހުމުގެ ހުއްދަ ޑަބަލިއުއެޗްއޯއިން ދިނީ މިދިޔަ ހޯމަ ދުވަހު އެވެ.
އެކަމާ ގުޅިގެން އިދިކޮޅު ކޯލިޝަނުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ އިމަޖެންސީ ޔޫސް ލިސްޓިންގައި ކޮވިޝީލްޑް ވެކްސިން ހިމެނުމާ ގުޅިގެން، އެ ޖަމްއިއްޔާގެ ގޮވާލުމަށް އިޖާބަދީ، ވެކްސިން ޖެހުމަށް ރައްޔިތުންނަށް ހިތްވަރުދޭ ކަމަށެވެ.
"ކޮވިޝީލްޑް މަރުކާގެ ވެކްސިން، އުމުރުން 18 އަހަރުން މަތީގެ މީހުން ބޭނުންކުރުމުގެ އިމަޖެންސީ ހުއްދަ ރަސްމީ ސިފައެއްގައި ދިނުމާއެކު، އަދި ކުރިން ހުއްދަ ދީފައިވާ ފައިޒާ-ބަޔޯއެންޓެކް މަރުކާގެ ވެކްސިންގެ އިތުރުން އެ ދެމަރުކާވެސް ބޭނުންކުރުމަށް އެޖަމްއިއްޔާއިން ގޮވާލާފައިވާތީ، އެކަމަށް އިޖާބަދީ، ވެކްސިން ޖެހުމަށް ދިވެހި ރައްޔިތުންނަށް މިކޯލިޝަނުން ހިތްވަރުދެމެވެ." އިދިކޮޅުން ނެރުނު ބަޔާނުގައި ބުންޏެވެ.
ޑަބްލިއުއެޗްއޯގެ ހުއްދަ ކޮވިޝީލްޑަށް ލިބުމުން އެކަމަށް ދެވޭ އިތުރު ހިތްވަރެއްގެ ގޮތުން، އެކޯލިޝަންގެ އިސްވެރިންނާއި ކައުންސިލް މެންބަރުން ކުރިއަށްއޮތް ދުވަސްތަކުގެ ތެރޭގައި ވެކްސިން ޖަހާނެ ކަަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
ބަޔާނުގައި ބުނީ، އެ ކޯލިޝަނުން އަބަދުވެސް އިސްކަންދީ، ބާރުއަޅާނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށެވެ. އެގޮތުން، ވެކްސިންތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ދެނެގަތުމުގެ ގާބިލުކަން ރާއްޖޭގައި ގާއިމުކުރެވިފައިނުވާއިރު، އެފަންނުގެ ދުނިޔޭގެ ފެންވަރުގެ މާހިރުން އަދި ރާއްޖޭގައި ނެތް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންކަމުން ޒަމާނުއްސުރެ އެފަދަ ކަންކަމުގައި އަމަލުކުރަމުން އައި ގޮތް ކަމުގައިވާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ލަފަޔާއި އިރުޝާދު ބަލައިގަތުމަކީ އެކޯލިޝަނުން ކުރިއަށްއޮތްތާނގައިވެސް ކަންކުރާނެ ގޮތް ކަމަށް ބަޔާނުގައި ބުންޏެވެ. އަދި އެގޮތަށް އަމަލުކުރުމަށް ކަމާބެހޭ ފަރާތްތަކަށްވެސް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
"މިކޯލިޝަނުން ގަބޫލުކުރާގޮތުގައި، ރައްޔިތުންގެ ސިއްހަތަށްވުރެ ކުރިއަށް ނެރެވޭނެ އެއްވެސް އެހެން އެޖެންޑާއެއް އޮވެގެންނުވާނެ އެވެ. ހާރިޖީ ގުޅުންކަމުގައިވިއަސް، ސިއްހީ ދާއިރާގެ ހިދުމަތްތެރިންގެ މުސާރަ އާއި އިނާޔަތްތައް ކަމުގައިވިއަސް، އެފަދަ އެންމެހާ ކަންކަން އަންނަންވާނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި، ސަލާމަތާ، ރައްކާތެރިކަން ކަށަވަރުކުރުމަށްވުރެ ފަހަތަށެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.
އެހެން ބައެއް މަރުކާތަކުގެ ވެކްސިންވެސް ރާއްޖެ ގެނެސްފައިވާކަން ފާހަގަ ކުރަމުން ބަޔާނުގައި ބުނީ އެ މަރުކާތަކުގެ ވެކްސިނަށް ވެސް ޑަބްލިޔުއެޗްއޯ ގެ ހުއްދަ ލިބިފައިވޭތޯ ކަށަވަރު ކޮށްފައި ނޫނީ އާންމުންނަށް ދީގެން ނުވާނެ ކަމަށެވެ.
އިދިކޮޅުން ވަނީ ކޮވިޝީލްޑް ވެކްސިންއާ ދެކޮޅަށް މީގެ ކުރިން މުޒާހަރާވެސް ކޮށްފަ އެވެ.