20 Feb 2021, 23:05
ރާއްޖެއިން 70،009 މީހުން ކޮވިޑް19ގެ ވެކްސިން ޖަހާފައިވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭގެ ނަންބަރުތަކުން ދައްކާ ގޮތުގައި މިހާތަނަށް ވެކްސިން ޖެހި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 53،669 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 16،340 މީހުންނެވެ.
މިއަދުގެ ވެކްސިން ޖެހި އަދަދުތަކަށް ވަކިން ބަލާއިރު، މިއަދު ޖުމުލަ 5،283 މީހަކަށް ވަނީ ވެކްސިން ދީފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ވެކްސިން ޖެހި 3،755 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 1،528 މީހުންނެވެ.
ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ރާއްޖޭގައި ޖަހަން ފަށާފައިވަނީ މިމަހުގެ އެއްވަނަ ދުވަހުއެވެ. ރާއްޖޭގައި ކޮވިޑް-19ގެ ވެކްސިންގެ ދެވަނަ ޑޯޒް ޖަހާނީ މީހާއަށް ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ.
ރާއްޖޭގައި މިހާރު ޖަހަމުން އަންނަނީ އިންޑިއާއިން ހަދިޔާ ކުރި އޮކްސްފޯޑް-އެސްޓްރާޒެކެނާ ކޮވިޝީލްޑް ވެކްސިންގެ 100،000 ޑޯޒް އެވެ. އަދި މިއަދު އިތުރު އެއްލައްކަ ޑޯޒު އެގައުމުން ވަނީ ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.
ޗައިނާއިންވެސް ވަނީ ރާއްޖެއަށް ސައިނޯފާމް ވެކްސިންގެ 100،000 ޑޯޒް ހަދިޔަ ކުރަން ނިންމައިފައެވެ. މިހާރު ރާއްޖޭގައި ހުރި ސައިނޯފާމް ވެކްސިން ދޭން އަދި ފަށާފައި ނުވަނީ އެއަށް ހުއްދަ ނުލިބޭތީ އެވެ.
އެ ވެކްސިންތަކުގެ އިތުރުން ސަރުކާރުން ވަނީ 700،000 ޑޯޒް ގަތުމަށް އެސްޓްރާޒެނެކާއާއެކު އެއްބަސްވުމެއް ހަދާފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ގެންނަ ވެކްސިން އަންނަ މާޗު މަހު ލިބޭނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ.