ރާއްޖޭގައި އިލެކްޓްރޯނިކް ވޯޓިން ބޭނުންކޮށްގެން އިންތިހާބެއް ބާއްވައިފި ނަމަ އެ އިންތިހާބެއްގެ ނަތީޖާ ރައްޔިތުން ގަބޫލު ނުކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ފުއާދު ތައުފީގު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ޕެންޑެމިކާ ގުޅިގެން ދުނިޔޭގެ ބައެއް ގައުމުތަކުގައި ވަނީ ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށް އީވޯޓިން ބޭނުންކުރަން ފަށާފައެވެ.

ރާއްޖޭގައި އީވޯޓީން ބޭނުން ކުރުމާ ބެހޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރޭ ފުއާދު ފާހަގަކުރެއްވީ ދިވެހީންނަކީ ކަރުދާސްކޮޅު ދައްކައިގެން ކުރިމަތީގައި ވޯޓު ގުނުމުންވެސް ވޯޓުގެ ނަތީޖާއާ މެދު މައްސަލަ ޖައްސާ ބައެއް ކަމެވެ.

"ކަރުދާސްކޮޅު ދައްކައިގެން ކުރިމަތީގަ ވޯޓު ގުނާ ނިންމީމަވެސް ނަތީޖާ ކަމުނުގޮސްގެން ކޯޓަށް މި ވަޑައިގަންނަވަނީ ބައެއް ބޭފުޅުން،" ފުއާދު ވިދާޅުވި އެވެ.

އިލެކްޓްރޯނިކް ވޯޓިން ބާއްވައިފިއްޔާ ދިވެހީން އެ އިންތިހާބެއްގެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިލްކްޓްރޯނިކް ވޯޓިން ބާއްވައިފިއްޔާ ކިހިނެއްތޯވާނީ، އެ ބޭފުޅުންނަކަށް ދައްކާނެ ކަރުދާސްކޮޅެއް ނެތް. އަދި ކަރުދާސްކޮޅެއް ދެއްކިޔަސް ގަބޫލެއް ނުކުރައްވާނެ. އެހެންވެއްޖެއަކާ ނަތީޖާ ގަބޫލެއް ނުކުރައްވާނެ ދިވެހީނެއް،"

މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ރާއްޖެއަށް އީވޯޓިން ތައާރަފު ކުރަން މަސައްކަތް ކުރި އެވެ. އެގޮތުން، ރިޔާސީ އިންތިހާބާއި، ކައުންސިލް އިންތިހާބާއި، ބައެއް ޕާޓީތަކުގެ އެތެރޭގެ އިންތިހާބުތަކުގައި އީވޯޓިން ބޭނުން ކުރަން މަސައްކަތް ކުރި އެވެ.

ނަމަވެސް، އޭރު އިދިކޮޅުގައި އޮތް އެމްޑީޕީއިން ވަނީ އީވޯޓިން ބޭނުންކޮށްފި ނަމަ މަކަރު ހަދާފާނެކަމުގެ ތުހުމަތުކޮށް އެކަމަށް ދެކޮޅު ހަދައިފަ އެވެ.

ފަަހުން، އީވޯޓިންއާ މެދު އިލެކްޝަންސް ކޮމިޝަނުގެ ސިޔާސަތުވެސް ވަނީ ބަދަލުވެފަ އެވެ. އެ ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފުވެސް މީގެ ކުރިން ވަނީ ރާއްޖެއަށް އެންމެ ރަނގަޅީ މިހާރު ބޭނުން ކުރާ ނިޒާމު ކަމަށް ވިދާޅުވެފަ އެވެ.