09 Mar 2021, 14:49
ހައުސިން ޔުނިޓު އެޅުމުގެ ނަމުގައި އެތައް ބަޔެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގި ކަމަށް ތުހުމަތުވާ ސީ ލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ)ގެ މައްސަލައެއް ލަންކާ ފުލުހުން ބަލަމުންދާތީ އޭނާ ރާއްޖެ ގެނެވޭނެ ދުވަހެއް ނޭނގޭ ކަމަށް ދިވެހި ފުލުހުން ބުނެފި އެވެ.
ހުޅުމާލޭގައި އެޕާޓްމަންޓްތަކެއް ހަދައި ވިއްކާނެ ކަމަށް ބުނެ 200 އަށް ވުރެ ގިނަ މީހުންގެ އަތުން ފައިސާ ނެގި މައްސަލައިގައި އިންޓަޕޯލްއިން ރެޑް ނޯޓިސް ނެރުނު އައްމަޓީ، މިދިޔަ މަހު މެދު ތެރޭ ލަންކާ ފުލުހުން ވަނީ ހައްޔަރު ކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން"އަށް ވިދާޅުވީ، އައްމަޓީގެ މައްސަލައެއް ލަންކާ ފުލުހުން ބަލަމުންދާތީ އޭނާ ހުރީ އަދިވެސް އެ ގައުމުގެ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެ މައްސަލަ ބަލަމުން ދާތީވެ އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ވެސް އަދި ނުފެށޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭނާ އަދިވެސް ހުރީ ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި، އެ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާއާ ގުޅޭ ގޮތުން ލަންކާ ފުލުހުން ބަލަނީ ކޮން މައްސަލައެއް ކަމެއް އަދި ނޭނގެ އެވެ.
ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް އިއުލާން ކުރި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް 280 މީހަކަށް ވިއްކާ އެ މީހުންގެ އަތުން 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގި އެވެ. އެއީ ބުކިން ފީގެ ގޮތުގައި މީހެއްގެ އަތުން 50،000 ރުފިޔާ އެވެ.
އެހެން ނަމަވެސް އެކި މައްސަލަތަކާ ހުރެ ޕްރޮޖެކްޓް ހުއްޓި މަސައްކަތް ވެސް ކުރިއަށް ނުގޮސް، ފައިސާ ދެއްކި މީހުންނަށް އަނބުރާ ފައިސާ ނުލިބި ހާލުގައި ޖެހުނެވެ.
އެ މީހުންނަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ފައިސާ ދެއްކި ބައެއް މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާވެސް ކޮށްފަ އެވެ. އެ މައްސަލަ ހައްލު ކުރުމަށް އެ ފަރާތްތަކާއެކު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އަދި ސަރުކާރުން ވަނީ އެއްބަސްވުމެއް ހަދައިފަ އެވެ.
އެ އެއްބަސްވުމުގެ ދަށުން ސީލައިފުން އަޅަން ނިންމި ހައުސިން ޔުނިޓުތައް ގަތުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި ފަރާތްތަކަށް، ބަދަލުގެ ގޮތުގައި 45 މިލިއަން ރުފިޔާ ދޭން ކަނޑައަޅައި އަދި ގެއްލުން ލިބުނު ފަރާތްތަކަށް އެކަމުގެ ބަދަލެއްގެ ގޮތުން ސަރުކާރުން ކަނޑައަޅާ ހައުސިން ސްކީމެއްގެ ދަށުން ހައުސިން ޔުނިޓު ދޭންވެސް ވަނީ އެއްބަސްވެފަ އެވެ.
ސީލައިފް ގްލޯބަލްއަށް ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން ބިން ދޫކުރީ، ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ވ. ތިނަދޫގައި ލަގްޒަރީ ވިލާތަކެއް އަޅަން އެ ކުންފުންޏާ އެކު ސޮއިކުރި އެއްބަސްވުން ފަހުން ބާތިލްކޮށްފައި ވާތީ، އޭގެ ބަދަލެއްގެ ގޮތުން އެވެ. އަދި ސީލައިފްއަށް ހުޅުމާލެއިން ބިމެއް ދީ ފްލެޓް އެެޅުމުގެ މަޝްރޫއު ފެށީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި އޮންނަ އިކޮނޮމިކް ކައުންސިލްއިން ހުއްދަ ދީގެން 2014 ވަނަ އަހަރުގެ ތެރޭގަ އެވެ.