09 Mar 2021, 19:33
ސްޓެލްކޯގެ މުވައްޒަފުންނަށްދޭ އިންހައުސް އިންޝުއަރެންސް ހުއްޓާލުމަށް އެ ކުންފުނީގައި އެދެން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމެޓީ އިން ނިންމައިފިއެވެ.
އެ ކޮމެޓީ އިން އެގޮތަށް ނިންމާފައިވަނީ ސްޓެލްކޯ އިން އިމާރާތްކުރާ ފްލެޓުތަކުގެ މައްސަލަ އާއި މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ދެމުންދާ އުސޫލާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަ އެ ކޮމެޓީ އިން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގައެވެ.
ރިޕޯތުގައި ފާހަގަކޮށްފައިވާގޮތުން އިންޝުއަރެންސްގެ ހިދުމަތަކީ ރެޖިސްޓާ ކޮށްގެން ކުންފުނިތަކުން ދޭ ހިދުމަތަކަށް ވެފައި، އިން-ހައުސްކޮށް ހެލްތު އިންޝުއަރެންސް ދިނުމަކީ ބެސްޓް ޕްރެކްޓިސް ނޫން ކަމަށް ކޮމެޓީ އަށް ފެންނާތީ، އިން-ހައުސްކޮށް އެ ހިދުމަތް ދިނުމުގެ ބަދަލުގައި ރާއްޖޭގައި ގާއިމްކޮށްފައިވާ ހެލްތު އިންޝުއަރެންސް ނިޒާމުގެ ތެރެއިން އިންޝުއަރެންސްގެ ހިދުމަތް ކުރިއަށް ގެންދަން ސްޓެލްކޯ އަށް އަންގަން ކޮމެޓީ އިން ވަނީ ނިންމައިފައެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން 2007 ޖޫން 19 އިން 2018 ޖޫން 18 އަށް ސްޓެލްކޯ މުވައްޒަފުންގެ ހެލްތު އިންޝުއަރެނސް ދެމުން ގޮސްފައިވަނީ އެލައިޑް އިންޝުއަރެންސް އިންނެވެ.
ނަމަވެސް އެ ކުންފުނި މެދުވެރިކޮށް ސްޓެލްކޯ އިން ދެމުންދިޔަ ކޭޝް ލެސް ހިދުމަތް ހުއްޓަލުމާއި މުވައްޒަފުންނަށް ފައިސާ ރ އިމްބާސް ކޮށްދިނުން ލަސްވުމާއި، ކްލެއިމްތައް ރިޖެކްޓުވުމުގެ ޝަކުވާ ލިބެމުންދިޔުމާއި ގުޅިގެން، ކުންފުންޏަށް އަދި އެ ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބޭ ގެއްލުން ކުޑަކޮށް، ހެލްތު އިންޝުއަރެންސްގެ ހިދުމަތް ފޯރުކޮށްދުނުމަށް މުވައްޒަފުންގެ މަޝްވަރާއާއެކު ކުންފުނިން އިންހައުސް ހެލްތު އިންޝުއަރެންސް ސްކީމެއް 2018 ޖޫން 19ގައި އެކުލަވާލާފައިވާ ކަމަށް ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
މި ހެލްތު އިންޝުއަރެންސްގެ ދަށުން ޖުމްލަ ކަވަރޭޖަށް 250،000 ރުފިޔާ ކަނޑައަޅާފައިވާ އިރު، ކޮންމެ އަހަރަކުވެސް މުވައްޒަފުންގެ ޑިޕެންޑެންޓުން ބައިވެރިކުރުމަށް ހުށަހަޅާލުމުން ގިނަ އަދަދެއްގެ ބަޔަކު މި ސްކީމުގައި ބައިވެރި ކުރާކަމަށް ސްޓެލްކޯ އާއި ހަވާލާދީ އެ ރިޕޯޓުގައި ވަނީ ފާހަގަ ކޮށްފައެވެ.
ސްކީމުގައި މުވައްޒަފުންގެ ށިޕެންޑެންޓުން ބައިވެރިކުރާނަމަ ކޮންމެ މީހަކަށް 3،600 ރުފިޔާ އަދި 65 އަހަރުން މަތީގެ މީހުން ބައިވެރިކުރާނަމަ 50 ޕަސެންޓު އިތުރަށް ދައްކަން ޖެހެއެވެ.
ކޮމެޓީ އިން ފާހަގަކޮށްފައިވަނީ އިންޝުއަރެންސްގެ ހިދުމަތަކީ ރެޖިސްޓާ ކޮށްގެން ކުންފުނިތަކުން ދޭ ހިދުމަތަކަށްވުމުން ސްޓެލްކޯ އިން އިންހައުސްކޮށް އެ ހިދުމަތް ދިނުމަކީ އެންމެ ރަނގަޅު ޕްރެކްޓިސް ނޫން ކަމަށެވެ.