10 Mar 2021, 12:16
ލަންޑަން (މާޗް 10) : ކޮވިޑް ވެކްސިން ޖެހުމުގެ ކަންތައް ކުރިޔަށް ގެންދިޔަނަމަވެސް މުއްދަތަކަށް ފަހުގައިނޫނީ ކޮވިޑް-19ގެ ވައިރަސް ކޮންޓްރޯލް ނުވާނެ ކަމަށް އިނގިރޭސިވިލާތުގެ އިސް ފިިޒިޝަނެއް ކަމަށްވާ ޑރ. ކްރިސް ވިޓީ ވިދާޅުވެއްޖެ އެވެ.
އިނގިރޭސި އިސް ފިޒިޝަނުންގެ ތެރޭގައި ހިމެނޭ ޑރ. ވިޓީ ވިދާޅުވި ގޮތުގައި ވެކްސިން ޖެހުމުގެ ކަންތައް ކުރިޔަށް ގެންދާތާ ދެމަސްވީއިރު ވެސް އިނގިރޭސިވިލާތުގައި ކޮވިޑްގެ ކޭސްތައް ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އަދި ކޮވިޑް ޖެހިގެން މަރުވާމީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ. ނަމަވެސް ކޮވިޑްގެ ދެވަނަ ޑޯޒު އާބާދީގެ ގިނަ ބަޔަކަށް ދިނުމަށް ފަހު ދެތިން މަސްތެރޭގައި ބަލި ކޮންޓްރޯލް ވުމަށް މަގުފަހިވެގެންދާނެ ކަމަށާއި މިއާ އެކު ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު ވެސް ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް ޑރ. ވިޓީ ވިދާޅުވި އެވެ.
ކޮވިޑް ވެކްސިންގެ ކަވަރެޖް ސަތޭކަ އިންސައްތައަށް ގެންދިޔަ ނަމަވެސް ކޮވިޑް ޖެހޭ އަދަދާއި އެބަލީގައި މަރުވާ މީހުންގެ އަދަދު މުޅިން ހުއްޓި ސުމަކަށް ނުގެންދެވޭނެ ކަމަށާއި ނަމަވެސް ބަލި ވަރަށްބޮޑަށް ކޮންޓްރޯލް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާއިން ކޮވިޑް ޕާސްޕޯޓެއް ތައާރަފްކޮށްފި
އަނެއްކޮޅުން ކޮވިޑް ވެކްސިން ޖެހިކަން އަންގައި ދިނުމަށްޓަކައި ޗައިނާއިން ވަނީ ވައިރަސް ޕާސްޕޯޓްގެ ނަމުގައި ކޮވިޑްއާ ގުޅޭ ޚާއްސަ ހެލްތު ސެޓިފިކެޓެއް އެޕްލިކޭޝަނެއްގެ ގޮތުގައި ތައާރަފްކޮށްފަ އެވެ. ޑިޖިޓަލްކޮށް ދޭ މި ސެޓިފިކެޓުން އެ މީހެއްގެ ވެކްސިނޭޝަން ހާލަތާއި ވައިރަސް ޓެސްޓްތަކުގެ ނަތީޖާތައް އެމީހެއް ފޯނުން އެނގޭނެ އެވެ. ޗައިނާގެ ސަރުކާރު ބުނާ ގޮތުން އެ ސެޓިފިކެޓްގެ ބޭނުމަކީ ޗައިނާ އިން ބޭރުގައުމުތަކަށް ދަތުރުފަތުރު ކުރަން ބޭނުންވާ މީހުންނަށް ދަތުރުތައް ފަސޭހަކޮށްދިނުމެވެ.

މިސެޓްފިކެޓްގެ ބޭނުމަކީ އެ ސެޓްފިކެޓް އޮތުމުން ދަތުރުކުރާ ގައުމުތަކުން އެމީހަކު ކޮރަންޓީން ނުކުރާނެކަމުގެ ޔަގީންކަން ހޯދުމެވެ. ނަމަވެސް މިކަންއަދި ޔަގީނެއްނޫނެވެ. ޗައިނާގެ ފަތުރުވެރިން އެ ސެޓިފިކެޓާ އެކު އެހެން ގައުމުތަކަށް ދަތުރު ކުރުމުން އެ ގައުމުތަކުން އެމީހުން ކޮރަންޓީން ނުކުރާނެކަމުގެ ޔަގީންކަން އަދި ލިބިފައެއް ނުވެ އެވެ. ނަމަވެސް ޗައިނާ ސަރުކާރުން މިހާރުގެންދަނީ މިގޮތަށް ކަންތައްވޭތޯ ގައުމުތަކާ ވާހަކަ ދައްކަމުންނެވެ. މިހެންވެއްޖެ ނަމަ ޗައިނާގެ ފަތުރުވެރިން އެހެން ގައުމުތަކަށް ދަތުރުކޮށް ދުނިޔޭގެ ފަތުރުވެރިކަން އާލާވާން އަލުން ފަށާނެ އެވެ.
ދުނިޔޭގައި ފަތުރުވެރިންގެ ގޮތުގައި އެހެންގައުމުތަކަށް އެންމެ ގިނައިން ދަތުރުކުރާ ބަޔަކީ ޗައިނާގެ ރައްޔިތުންނެވެ. ފަތުރުވެރިންގެ އެއްވަނަ އާބާދީއަކީ ޗައިނާއެވެ. ޗައިނާއިން ތައާރަފްކުރި ވައިރަސް ޕާސްޕޯޓް އަކީ ފޯނަށް އަޅާ އެޕްލިކޭޝަނެއްކަމުން އެއެޕްގެ އަލީގައި އެމީހެއްގެ ފޯނުން އެމީހަކު ހުރިތަނާއި ޕޮޒިޓިވް މީހުންނާއި ކޮންޓެކްޓްވެފައިވާ ކަމާއި ނުވާކަން އަދި ވައިރަސް ފެތުރޭ ސަރަހައްދަކަށް ދަތުރުކޮށްފައިވާކަމާއި ނުވާކަން އަންގައިދޭ ފެހި ކޯޑެއް ލިބޭނެ އެވެ. އެ ކޯޑުގެ މާނައަކީ އެއީ ކޮވިޑް-19 ވައިރަސްގެ އެއްވެސް ކަމެއްނެތް މީހެއްކަމެވެ.
ވިލާތުގެ އިއްތިޙާދާއި އެމެރިކާ، އިނގިރޭސިވިލާތާއި އަދި ކެނެޑާފަދަ ގައުމުތަކުން ވެސް ގެންދަނީ ކޮވިޑް ވެކްސިންގެ ދެޑޯޒު ޖަހާފައިވާ މީހުންނަށް ކޮވިޑް ޕާސްޕޯޓްގެ ނަމުގައި މިބާވަތުގެ އެޕްލިކޭޝަންތައް ތައްޔާރުކުރުމަށް މަސައްކަތް ކުރަމުންނެވެ. (ނޫސްއެޖެންސީތައް)