ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ލާފައިވާ މައްސަލައަކީ އަންހެނުން ބާރުވެރިކުރުމާ ދެކޮޅަށް ކުރާ މަސައްކަތެއް ކަމަށް ބުނެ، ޒަހާ ނިސްބަތްވާ މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް)އިން އޭނާ ދިފާއުކޮށްފިއެވެ.

މަސްވެރިންނަށް ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށް ބުނެ، އިދިކޮޅު 11 މެންބަރެއްގެ ސޮޔާ އެކު ރައްޔިތުންގެ މަޖިލީހަށް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެއްދީ އިއްޔެއެވެ.

އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެއީ ކޯލިޝަން ސަރުކާރުން ގައުމުގެ އިސް މަގާމުތަކުގައި އަންހެނުންނަށް ފުރުސަތު ދީފައިވާ ކަމަށާއި އެކަމާ ހަސަދަވެރިވެ އަންހެނުން ބާކީކޮށް ނިކަމެތިކުރުމުގެ ވިސްނުން ގެންގުޅުއްވާ މަދު މެންބަރުން ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުކުރައްވަން އެބަތިބި ކަމަށާއި އެކަމާ ކަންބޮޑުވެ ހިތާމަކުރާ ކަމަށެވެ.

ގައުމުގެ ތަރައްގީއަށް އަންހެނުންގެ ހިއްސާ އިތުރުކުރުމަކީ ނުހަނު ބޭނުންތެރިކަމެއް ކަަމަށާއި މިއީ އެކަމާ ދެކޮޅު މަސައްކަތެއް ކަމަށް އެ ޕާޓީން ބުންޏެވެ.

"މިނިސްޓަރު ޒަހާގެ އިތުބާރުނެތްކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައަކީ އަންހެނުން ބާރުވެރިކުރުމާއި ދެކޮޅަށް ކުރާ މަސައްކަތެކެވެ."އެމްއާރްއެމްގެ ބަޔާނުގައި ވެއެވެ.

މަޖިލީހަށް ހުށަހެޅި މިނިސްޓަރު ޒަހާގެ އިތުބާރު ނެތްކަމުގެ އެ މައްސަލައިގައި ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅަން ޖެހުނީ މި ސަރުކާރުން މަސްވެރިންނަށް ވެފައިވާ އެތައް ވައުދެއް ފުއްދުމުގައި މިނިސްޓަރަށް އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރެވޭތީ އެވެ. އެގޮތުން އެ މައްސަލައިގައި ބުނެފައި ވަނީ މަހަށް ހަމަ އަގު ހޯދައިދިނުމާއި މަސްވެރިންނަށް އައިސްލިބޭނެ ގޮތާއި މަސްވެރިންގެ ޖީބަށް ޑޮލަރު ލިބޭނެ ގޮތް ހަދައިދިނުމަށް މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދެމުން ނުދާ ކަމަށެވެ.

އެޕާޓީން ބުނީ ޒަހާގެ އިތުބާރުގެ މައްސަލައަކީ އެއްވެސް އަސާސެއްނެތް، ސަރުކާރު ކޯލިޝަން ތެރޭގައި ފިތުނަވެރިކަން އުފެއްދުމަށް ސިޔާސީ ބޭނުމަކަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.

އެމްއާރްއެމް އިން ބުނީ މިނިސްޓަރު ޒަހާއަކީ މެރިން ބައޮލޮޖީ އަދި އޯޝަނޮގްރަފީ ދާއިރާއިން ޖޮއިންޓް އޮނާސް ޑިގްރީ ފުރިހަމަ ކުރައްވާ، މެރިން ސައިންސް (ފިޝަރީސް ރިސޯސް މެނޭޖުމަންޓް) ދާއިރާއިން މާސްޓާސް ޑިގްރީ ހައްދަވައިގެން، މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ދާއިރާގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ.

ހަމައެއާއެކު، ޒަހާ މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެން 20 އަހަރަށް ވުރެ ގިނަ ދުވަސް ވެފައި އޮތް މަސްވެރިކަމުގެ ގާނޫނު ޒަމާނީ ގާނޫނަކަށް ބަދަލުކޮށް މަސްވެރިކަމުގެ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލާފައިވާ ކަމަށާއި އަދި ކޮވިޑްގެ ދަތި ހާލަތުގައިވެސް މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތްތައް ނުހުއްޓި ކުރިއަށް ގެންދެވޭން މަގު ފަހިކޮށްދެއްވި ކަމަށެވެ.

އޭގެ އިތުރުން ޔޫރަޕްގެ މާކެޓްގައި ދިވެހި މަހަށް ރަނގަޅު އަގެއް ހޯދުމަށްޓަކައި ހުއްޓުމެއް ނެތި މަސައްކަތް ކުރައްވާ ކަަމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ކުރުމަށްޓަކައި ޕެސްޓިސައިޑް ގާނޫނެއް ވުޖޫދަށް ގެންނެވުމާއި، މެރިކަލްޗާ ސިނާއަތެއް ރާއްޖޭގައި ތަރައްގީކުރުމަށް ކުރައްވާ މަސައްކަތް ވެސް އެ ޕާޓީން ފާހަގަކުރި އެވެ.

އޭގެ އިތުރުން، މިފްކޯގައި ހުރި ޒަމާންވީ ގިނަ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް މިނިސްޓަރު ޒަހާ އިސްވެ ހުންނަވައިގެން ޕްލޭންތައް ހައްދަވައި އެކަމުގެ އަމަލީ މަސައްކަތް ފެއްޓެވި ފެއްޓެވުމުމަކީ ވެސް މިނިސްޓަރު ޒަހާގެ ހިންގުންތެރިކަމާއި ގާބިލުކަން އެނގިގެންދާ ކަމެއް ކަމަށް ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، އެމަނިކުފާނުގެ ސިޔާސަތުތައް ދަމަހައްޓަވާ، ސަރުކާރާއި ރައްޔިތުންގެ ހިދުމަތުގައި މިނިސްޓަރު ޒަހާއަކީ ފާހަގަކޮށްލެވޭ ބޭފުޅެއް ކަމަށާއި ރައީސް ވިދާޅުވި ފަދައިން ކޯލިޝަން ފަސް އަހަރަށް ދެމެހެއްޓުމަށްޓަކައި ސަރުކާރާއެކު އެމްއާރްއެމްގެ މެންބަރުންނާއި ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ މިނިސްޓަރުން ސާބިތުކަމާއި އިހްލާސްތެރިކަމާއެކު ދެމި ތިބޭނެ ކަމުގެ ޔަގީންކަން ދޭ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.