11 Mar 2021, 13:18
ބްރެޒީލިއާ (މާޗް 11): ބްރެޒިލްގައި ކޮވިޑް-19 ޖެހިގެން އެއް ދުވަސް ތެރޭ 2،000އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެެވެ.
ބްރެޒިލްގެ ހެލްތު މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އެގައުމުން ކޮވިޑް ޖެހިގެން 24 ގަޑި އިރު ތެރޭ 2،286 މީހަކު ވަނީ މަރުވެފަ އެވެ. އެހެންކަމުން އެއީ އެގައުމުން ކޮވިޑުގައި އެންމެ ގިނަ އަދަދަކަށް މީހުން މަރުވި ދުވަހެވެ. އަދި އޭގެ ކުރިން އަންގާރަ ދުވަހު ވެސް އެގައުމުން ވަނީ ރެކޯޑު އަދަދަކަށް މީހުން މަރުވި ކަމަށް ރިޕޯޓުކޮށްފަ އެވެ. އެއީ 1،972 މީހުންނެވެ.
ބްރެޒިލްއަކީ އެމެރިކާއަށް ފަހު ދުނިޔެއިން އެންމެ ގިނަ އަދަދަކަށް ކޮވިޑާ ގުޅުން ހުރި މަރުތައް ރިޕޯޓުކޮށްފައިވާ ގައުމެވެ. އެގައުމުން މިހާތަނަށް ބަލީގައި 271،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.
މީގެ އިތުރުން ބްރެޒިލްގެ ގާތްގަނޑަކަށް ހުރިހާ ސްޓޭޓެއްގައި ވެސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ދަނީ އިތުރުވަމުން ކަމަށް ބައިނަލްއަގުވާމީ އާއްމު ސިއްހަތާ ބެހޭ ޖަމިއްޔާއެއް ކަމަށްވާ ޕޭން އެމެރިކަން ހެލްތު އޯގަނައިޒޭޝަނުން ރިޕޯޓު ކުރި އެވެ. އަދި އެގައުމުގެ 15 ސްޓޭޓެއްގެ ވެރިރަށުގައި އައިސީޔޫތަކުގެ 90 ޕަސެންޓު އެނދުތައް މިހާރު ފުރިފައިވާ ކަމަށް އެގައުމުގެ އާއްމު ސިއްހަތާ ބެހޭ އޭޖެންސީއަކުން ބުންޏެވެ.
ބްރެޒިލް އަކީ ދުނިޔެ އިން ކޮވިޑްގެ ކޭސްތައް ތިން ވަނައަށް އެންމެ ގިނަ ގައުމެވެ. އެގޮތުން އެގައުމުން މިހާތަނަށް 11.2 މިލިއަން މީހުންނަށް ބަލި ޖެހިފައިވެ އެވެ. އެ ލިސްޓުގައި ބްރެޒިލްއަށް ވުރެ ކުރީގައި އޮތީ އެމެރިކާ އާއި އިންޑިއާ އެވެ.
ބްރެޒިލްގައި ކޮވިޑްގެ ކޭސްތައް ގިނަވެފައި ވަނީ އެގައުމުން އަލަށް ފެނުނު ބަލީގެ ވޭރިއެންޓެއްގެ ސަބަބުން ކަމަށް ސައޮ ޕައޮލޯ ޔުނިވާސިޓީގެ ސައިންސުވެރިން ލަފާ ކުރެ އެވެ. އަދި އެ ބާވަތުގެ ވައިރަސް ފެތުރޭ މިންވަރު ފުރަތަމަ ބާވަތަށް ވުރެ ދެ ގުނަ އަވަސް ކަމަށް ސައިންސުވެރިންގެ ހޯދުންތަކުން ދައްކަ އެވެ.
ބްރެޒިލްގައި ކޮވިޑް ޖެހޭ މީހުންގެ އަދަދާއި މަރުތައް އިތުރުވި ނަމަވެސް އެގައުމުގެ ރައީސް ޖައިރު ބޮލްސޮނާރޯ ވަނީ ބަލީގެ ނުރައްކާ ކުޑަ ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ. އަދި ފުރަބަންދުގެ ފިޔަވަޅުތައް އަޅާ ސްޓޭޓުތަކުގެ ގަވަރުނަރުންނަށް ފާޑު ވިދާޅުވެ، ކޮވިޑުން ލިބޭ ގެއްލުމަށް ވުރެ އިގުތިސާދު ހީނަރު ވުމުން ލިބޭ ގެއްލުން ބޮޑު ވާނެ ކަމަށް ވިދާޅުވެފަ އެވެ.