ކަރަންޓީނު ނުވެ، މާލެއިން ނުވަތަ މޮނީޓަރިންގެ ހާލަތުގައި އޮތް ރަށަކުން އެހެން ރަށަކަށް، ކެމްޕެއިން ކުރުމަށް ދަތުރުކުރުމުގެ ހުއްދަ އެޗްޕީއޭ އިން ދީފި އެވެ.

ކައުންސިލް އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތައް ހިންގުމާ ގުޅޭ ގައިޑްލައިނަށް އެޗްޕީއޭ އިން މިރޭ ވަނީ އިސްލާހު ގެނެސްފަ އެވެ.

އެ ގައިޑްލައިންގެ ދަށުން ކަރަންޓިނާ ނުލާ ދަތުރުކުރުމުގެ ހުއްދަ ދެނީ 72 ގަޑިއިރު ކުރިން ހަދާފައިވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ފަސް ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށެވެ.

އެ ދަތުރުގައި ކެންޑިޑޭޓު ކަނޑައަޅާ ފަސް މިހުންނަށްވުރެ އިތުރުނުވާ އަދަދަށް މީހުން ބައިވެރި ކުރެވިދާނެ ކަމަށް އެ ގައިޑްލައިންގައި ބުނެ އެވެ.

ފަސް ދުވަހަށްވުރެ ދިގު މުއްދަތަކަށް ދަތުރުކުރާނަމަ، 10 ދުވަހުގެ މުއްދަތަށް ކަރަންޓިންވާން ޖެހެ އެވެ.

އޭގެ އިތުރުން އެޗްޕީއޭއިން ދީފައިވާ ހުއްދަ ރަށަށް ފުރުމުގެ ކުރިން އެރަށެއްގެ ކައުންސިލަށް ފޮނުވަންޖެހެ އެވެ.

އަދި ރައްކާތެރިކަމާއެކު ދަތުރުކުރުމުގެ އިންތިޒާމް އެ ފަރާތަކުން ހަމަޖެއްސުމާއި ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ނުވަތަ ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓްވެފައިވާނަމަ ދަތުރުގައި ބައިވެރިނުވެވޭނެ ކަމަށް ގައިޑްލައިންގައި ބުނެ އެވެ.

އޭގެ އިތުރުން، ކެންޕެއިނަށް ރަށެއްގައި ވަކިން ތިބެވޭނެ އިންތިޒާމު ހަމަަޖައްސަން ޖެހޭނެ ކަމަށް އެ ގައިޑްލައިންގައިވެ އެވެ.

ކެޕްމެއިނަށް ރަށްރަށްދާ ޓީމްތަކުން އެރަށެއްގައި ބައްދަލުވުންތައް ބާއްވާ ތަން ނޫން އެހެން ތަނަކަށް ދިޔުމަކީ މަނާ ކަމެއް ކަމަށް ގައިޑްލައިންގައިވެ އެވެ.

ކެމްޕެއިނަށް ރަށްރަށްދާ ޓީމްތަކުން ޑޯޓްޑޯ ޖެއްސުމާއި އަދި ރަށުގެ ރައްޔިތުން އެ މީހުންނާ ބައްދަލުކުރަން ދިޔުން ވެސް ވަނީ މަނާކޮށްފަ އެވެ.

މީގެއިތުރުން ރަށްރަށުގައި ބާއްވާ ކެމްޕެއިން ބައްދަލުވުންތަކުގައި ހަ ފޫޓުގެ ގައިދުރުކަން ބަހައްޓަންޖެހޭނެ ކަމަށް އެ ގައިޑްލައިންގައިވެ އެވެ.

އުސޫލުގައި ހިމަނައިފައިވާ އެހެން މުހިންމު ކަންތައްތައް:

  • ރަށުގައި ހުއްޓާ ޕޮޒިޓިްވެފައިވާ މީހަކާ ކޮންޓެކްޓްވެއްޖެ ނަމަ، އެކަން ލަސްނުކޮށް އެންގައި، ކަރަންޓީންވުން.

  • ރަށުގައި ދިރިއުޅޭ އެހެން މީހުންނާއި އަތާ އަތްޖޯޑުކޮށް ސަލާމް ނުކުރުން.
  • ކެންޑިޑޭޓުންނަށް މަރުހަބާ ކިޔުމަށް މީހުން އެއްނުކުރުން.
    މަސައްކަތް ނިމުނުން ދިޔަ ޓީމު/މީޙުން އެރަށކުން ވީހާވެސް އަވަހަކަށް އަނބުރާ އައުން.
  • މޮނީޓަރިން ހާލަތުގައިވާ ރަށެއްނަމަ، ހުރިހާ ބައްދަލުވުމެއް އޮންލައިންކޮށް ބޭއްވުން.
  • ވަކިވަކިން މީހުންނާ ބައްދަލުކުރާނަމަ، އޮންލައިންކޮށް އެފަދަ ބައްދަލުވުންތައް ބޭއްވުން.

ކައުންސިލް އިންތިހާބު އޮތީ، އަންނަ މަހު 10 ވަނަ ދުވަހުއެވެ. އިދިކޮޅު ފަރާތްތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ހަމަމަކަމާއެކު އެއްރަށުން އަނެއްރަށަށް ދެވުމުގެ ފުރުސަތު ނެތި، ކެމްޕެއިން ކުރުމަށް ހަނި ފުރުސަތުތަކެއް ހުރުމެވެ. މި އިސްލާހާކީ، އެކަމަށް ހައްލެއް އަންނާނެ މަގެކެވެ.