އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އާއި، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕީޕީއެމް އަދި ޕީއެންސީ ވެސް މިއަދު ޖޫރިމަނާކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެގެން ތިން ޕާޓީ ވެސް މިއަދު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

އެޗްޕީއޭގެ ގައިޑްލައިނާ ހިލާފަށް ސިޔާސީ ހަރަކާތް ހިންގައިގެން މީގެ ކުރިން ވެސް އިދިކޮޅު ވަނީ ޖޫރިމަނާކޮށްފަ އެވެ. ނަމަވެސް އެމްޑީޕީ ޖޫރިމަނާކުރި މިއީ ފުރަތަމަ ފަހަރެވެ.

އެމްޑީޕީ ޖޫރިމަނާކޮށްފައި މިވަނީ މިދިޔަ ހުކުރު ދުވަހު ގިނަ މީހުން އެއްކޮށްގެން ހުޅުމާލޭގައި ޖަގަހައެއް ހުޅުވާފަ އެވެ. ކޮވިޑް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކުން ހުޅުމާލެ ހިމެނޭ ގޮތަށް މާލެ ސަރަހައްދުގައިި އެއްފަހަރާ ފަސް މީހުން އެއްތަނަކަަށް އެއްވުމަކީ މަނާކަމެކެވެ. އަދި ދެމީހުންގެ ދެމެދު ތިން ފޫޓު ދުރުމިން ބަހައްޓަން ޖެހެ އެވެ.

އެމްޑީޕީގެ އެއްވުމުގައި އެޗްޕީއޭގެ ގައިޑްލައިނާ ހިލާފުވެފައިވާއިރު، އެއްވެސް ފިޔަވަޅެއް ނާޅާތީ އިދިކޮޅުން ވަނީ ވަރަށް ބޮޑަށް ފުލުހުންނަށް ފާޑުކިޔައިފަ އެވެ. މީގެކުރިން ވެސް އެމްޑީޕީން ވަނީ މާލޭގައި ގިނަ މީހުން އެއްވެ ޖަލްސާ ބާއްވައިފަ އެވެ. ނަމަވެސް ފިޔަވަޅު އަޅާފައެއް ނުވެ އެވެ.

އިދިކޮޅު މުޒާހަރާތަކަކީ، އެޗްޕީއޭގެ ގައިޑްލައިނާ ހިލާފް ހަރަކާތެއް ކަމަަށް ބުނެ ފުލުހުން ވަނީ އެ މުޒާހަރާތަކަށް ޖާގަ ނުދޭނެ ކަމަށް ބުުނެފައެވެ. އަދި މުޒާހަރާތަަކާ ދިމާކޮށް، ފުލުހުން އަންނީ ޕީޕީއެމް އޮފީސް ހުންނަ މަގު ބަންދުކުރަމުންއެވެ. އެހެން އެކަން ކުރާތީ، އެކަން ހުއްޓުވުމަށް އިދިކޮޅުން މިހާރު ވަނީ ރަސްމީކޮށް އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހަޅާފައެވެ.

ޕީޕީއެމްގެ މުޒާހަރާތަކުގެ ބައެއް ބައިވެރިން ހައްޔަރުކޮށް ފުލުހުން އަންނަނީ ޖޫރިމަނާ ކުރަމުންނެވެ.