ކޮވިޑް19 ކޮންޓްރޯލް ކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ދިގު ދަންމަން އެޗްޕީއޭއިން ނިންމައިފި އެވެ.

ކޮވިޑްގެ ތިން ވަނަ ރާޅާއެކު އެއްފަހަރާ ޕޮޒިޓިވްވާ މީހުން ގިނަ ވުމާއެކު ބަލި ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރީ މި މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކޮށް އިއްޔެ ނެރުނު ބަޔާނުގައި ބުނީ، މިއަދުން ފެށިގެން އިތުރު ހަތް ދުވަހަށް އެ ފިޔަވަޅުތައް ދަމަހައްޓަން ނިންމާފައިވާ ކަމަށެވެ.

ހަތް ދުވަހުގެ މުއްދަތު އިތުރު ފިޔަވަޅުތައް

  • ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މަގުމައްޗާއި އާއްމު ތަންތަނަށް މީހުން ނުނިކުތުން

  • އެއް ފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗާއި އާންމުތަންތަނަށް އެއްވެއުޅުން
  • ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ބަންދުކުރުން
  • ދުވުމަށް ހާއްސަކޮށްފައިވާ ޓްރެކް ބަންދުކުރުން
  • ޕާކްތަކާއި މައިޒާންތައް ބަންދުކުރުން.
  • ޔުނިވަސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިއަށް ގެންދިޔުން ހުއްޓާލުން
  • އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރު އަދި ކަސްރަތު ހަރަކާތްތައް ހުއްޓާލުން

އެ ފިޔަވަޅުތަކުގެ އިތުރުން ބައެއް ފިޔަވަޅުތަކަކީ ވަކި ގޮތެއް އަންގަންދެން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކެކެވެ. އެގޮތުން ހާއްސަ ހުއްދައިގެ ދަށުން މާލެ ސިޓީޏް ރަށްރަށަށް ދާ މީހުން، 72 ގަޑިއިރުގެ ތެރޭގައި ހަދާފައިވާ ނެގެޓިވް ކޮވިޑް ޓެސްޓޔ އޮތުމާއި ޕްރީ ސްކޫލާއި ނާސަރީ ގްރޭޑްތަކުގައި ކިޔަވައިދިނުން ހުއްޓާލުން ހިމެނެ އެވެ.

އިއްޔެ ވެސް ރާއްޖެއިން 142 މީހަކު ކޮވިޑަށް ޕޮޒިޓިވްވިރު، އަދިވެސް ބަލި ކޮންޓްރޯލެއް ނުވެ އެވެ. އެގޮތުން ވޭތުވެދިޔަ ދެ ދުވަހުވެސް ރާއްޖޭގެ ކޭސްތައް އުޅެނީ 100އިން މަތީގަ އެވެ.

މިހާތަނަށް 21،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު، 19،519 މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ، 2،371 އެވެ. އޭގެ ތެރެއިން 118 މީހަކަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ. ޖުމްލަ 64 މީހަކު ވަނީ ކޮވިޑް ޖެހިގެން މަރުވެފަ އެވެ.