18 Mar 2021, 21:17
ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރުމަށް ބަންގްލަދޭޝް ސަރުކާރުން ނިންމައިފި އެވެ.
ބަންގްލްދޭޝް ސަރުކާރުން އެކަން އިއުލާނުކުރީ މިއަދު އެ ގައުމުގެ ވެރިރަށް ޑާކާގައި، އެގައުމުގެ ބޮޑުވަޒީރުގެ އޮފީހުގައި، ދެ ގައުމުގެ ދެމެދު ކުރިޔަށްގެންދިޔަ ރަސްމީ ވާހަކަތަކުގެ ތެރެއިންނެވެ.
ބަންގްލަދޭޝް ސަރުކާރުގެ ނިންނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.
ރައީސް ބަންގްލަދޭޝްއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާއާ ބައްދަލުކުރައްވާ، ދެ ގައުމުގެ ދެމެދު އޮތް ދޭދޭ ގުޅުންތައް އިތުރަށް ވަރުގަދަކޮށް އެކި ދާއިރާތަކުން އެއްބާރުލުން ދިނުމަށް ވަނީ މަޝްވަރާކުރައްވައިފަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ވަނީ ދެގައުމު ދެމެދު ބިމާން އެއާލައިންގެ ފްލައިޓްތަކުގެ ދަތުރުތައް ފައްޓަވާކަން އިއުލާނުކުރައްވައިފަ އެވެ. އަދި އެކަމުގެ ސަބަބުން ދެގައުމުގެ މެދުގައި ވައިގެ މަގުން ކުރާ ދަތުރުފަތުރަށް އިތުރު ދޮރެއް ހުޅުވި، ވައިގެ މަގުން ދެގައުމު ގުޅުވައިދިނުމަށް އެހީތެރިވާނެ ކަމުގައި އެ ކަމަނާ ވިދާޅުވި އެވެ.
އެ ނިންމުމަށް މަރުހަބާ ދަންނަވައި ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ދިމާވެފައިވާ ގިނަގުނަ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ރާއްޖޭގައި މަސައްކަތްކުރާ ބޭރު ގައުމުތަކުގެ ރައްޔިތުންގެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ރައީސް ވަނީ ބަންގްލަދޭޝްގެ ފުރަތަމަ ރައީސް އަދި އެ ގައުމުގެ މިނިވަންކަމުގެ ބާނީ ބަންގާބަންދު ޝެއިޚް މުޖީބުއް ރަހްމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގެންތާ 100 އަހަރު ފުރުމާ ގުޅިގެން ހެޔޮއެދުންތައް އަރިސްކުރައްވާ، ބަންގްލަދޭޝްގެ މިނިވަންކަމަށް ރަންޔޫބީލް ފުރޭ މުނާސަބަތުގެ ތަހުނިޔާ ވިދާޅުވެފަ އެވެ.
ބޮޑުވަޒީރު ޝައިޚް ހަސީނާއާއެކު މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި، ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުންތައް ވަރުގަދަކޮށް، ދޭދޭ ފަރުދުންގެ މެދުގައި އޮތް ތާރީހީ އަދި ސަގާފީ ގުޅުންތައް އިތުރަށް ފުޅާކުރުމަށް ރައީސް މަޝްވަރާ ކުރެއްވި އެވެ. އަދި މި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ދެމެދުގައިވާ ގުޅުންތައް ބަދަހިވެ، އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމަށް އުންމީދުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ދެ ލީޑަރުން ވަނީ ބައިނަލްއަގުވާމީ މައިދާނުގައި ދެގައުމުގެ މަސްލަހަތު ހިމެނޭ މޫސުމީ ބަދަލުތަކާއި ސަރަހައްދީ ސަލާމަތް ފަދަ ބޮޑެތި މައްސަލަތަކުގައި އެކުގައި މަސައްކަތްކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވައިފަ އެވެ. ބައްދަލުވުން ނިންމާލީ ދެ ގައުމުގެ ގުޅުންތައް ހަރުދަނާ މިސްރާބަކަށް ގެންދިއުމުގެ އަޒުމް އާކުރަމުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.