23 Mar 2021, 21:17
ކުރިއަށް އޮތް މިއަހަރުގެ ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.
އެކަން އަންގައި، ރައީސް އޮފީހުން ބުނީ ރޯދަމަހާއި ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހުގެ ރަސްމީ މަސައްކަތު ގަޑި އެގޮތަށް ހަމަޖެއްސި ނަމަވެސް، ރާއްޖޭގައި ކޮވިޑް ފެތުރުން އިތުރުވެފައިވުމާއެކު ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތް ކުރާނީ ކުރިން ކަނޑައަޅާފައިވާ ގޮތަށް، ވަކި އުސޫލުތަކަކާއި މިންގަނޑުތަކެއްގެ ދަށުން ކަމަށެވެ.
އެގޮތުން ހުސްވި ފެބްރުއަރީ މަހުގެ ދެވަނަ ދުވަހު ރައީސް އޮފީހުން އާންމުކުރި އުސޫލުގައި ބަޔާންކޮށްފައިވަނީ މުވައްޒަފުން ގޭގައި ތިބެގެން ކުރެވެން ހުންނަ މަސައްކަތްތައް ގޭގައި ތިބެގެން ކުރާގޮތަށް ހަމަޖެއްސުމަށާއި އެއްފަހަރާ ވީހާވެސް މަދު މުވައްޒަފުން އޮފީހަށް ނެރެގެން މަސައްކަތް ކުރެވޭނެ ގޮތަށް މަސައްކަތްތައް ރޭވުމަށެވެ.
މުވައްޒަފުން ޓީމުތަކަކަށް ބަހާލައިގެން މަސައްކަތު ހަފުތާގެ އެކި ދުވަހު އެކި ޓީމުތައް މަސައްކަތަށް ނެރެގެން މަސައްކަތް ކުރުވެން ހުރި އިދާރާތަކުން އެގޮތަށް މަސައްކަތްކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.
އެ އިދާރާއަކުން ދޭ ހިދުމަތްތަކުގެ ބާވަތް، މިންވަރު، ވަސީލަތް އަދި މުވައްޒަފުންގެ އަދަދަށް ބަލައި، އިދާރާއިން ދޭ ހިދުމަތްތައް މަސައްކަތު ހަފުތާގެ އެކި ދުވަސްތަކަށް ބަހައިލައިގެން، އެކި ދުވަސްތަކުގައި އެކި ހިދުމަތް ދޭ ގޮތަށް ހަމަޖެއްސުމަށްވެސް އެ އުސޫލުގައި ކަނޑައަޅާފައިވެ އެވެ.
އެ އުސޫލުގައި ހިމަނާފައިވާ އިތުރު މިންގަނޑުތައްމި ލިންކުންބަލައިލެވޭނެ އެވެ.