ޓެކްސީގެ ހިދުމަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސްއާ ހިއްސާކުރަން ޓެކްސީ ސެންޓަރުތަކުގެ ވެރިން މަޖިލީހުގެ އިދާރާދޮަށަށް އެއްވެއްޖެ އެވެ.

މަޖިލިސް އިދާރާ ކައިރިއަށްދިޔަ ޓެކްސީ ސެންޓަރުތަކުގެ ވެރިން ބުނީ ކޮވިޑާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުން ކުރި ހިސާބުން ފެށިގެން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ބަޔަކީ ޓެކްސީ ޑްރައިވަރުން ކަމަށެވެ.

"ކޮވިޑާ ގުޅިގެން މާލެ ލޮކްޑައުންކުރުމާ ހަމައިން ފެށިގެން އެންމެ ބޮޑު ގެއްލުމެއް ލިބެމުން އަންނަ ބަޔަކަށް ވާނެ ޓެކްސީ ޑްރައިވަރުން. އިހަކަށް ދުވަހު ކެފޭ ރެސްޓޯރެންޓްތަކަށް ވަގުތު އިތުރުކޮށްދީފި، އެއާ ގުޅިގެން އަޅުގަނޑުމެންނަށް ވަގުތު އިތުރުކޮށްދިނުމެއް ނުވާތީ، ޓެކްސީ އިންޑަސްޓްރީގައި އުޅޭ ފަރާތްތަކަށް ދިމާވާ ދަތިތައް ވަރަށް ތަފްސީލުކޮށް ހިމެނޭ ލިޔުމެއް ހިފައިގެން މިއައީ." ޓެކްސީ ސެންޓަރެއްގެ ވެރިޔަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި ކޮންމެ ޑްރައިވަރަކަށް މަސައްކަތް ކޮށްލަން ލިބެނީ ކުރިއާ އަޅާބަލާއިރު ކުޑަ ވަގުތުކޮޅެކެވެ. އަދި ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރަމުން އަންނަތާ އަހަރެއްހާ ދުވަސް ވާން ގާތްވިއިރު، ޖަވާބެއް ނުލިބޭ ކަމަށް ބުންޏެވެ.

"އިރުއޮއްސި ހައެއް ޖެހީމަ މަސައްކަތް ހުއްޓާލަން އެބަޖެހޭ، ޓެކްސީ ސެންޓަރެއްގެ ޑްރައިވަރަކަށް މަހަކު ދެ ރޭ މި ލިބެނީ މަސައްކަތް ކޮށްލަން [ހައެއްގެ ފަހުން]. އެޗްޕީއޭގެ ގަވާއިދާ އެއްގޮތަށް ހިދުމަތް ދިނުމުގައި ހުރި ދަތިތައް ހާމަކޮށް ދައުލަތުގެ އެކި ވުޒާރާތަކަށް ސިޓީ ފޮނުވައިފިން. އެހެން ނަމަވެސް އެއްވެސް ތަނަކުން ޖަވާބެއް ނުލިބޭ. އަޅުގަނޑުމެންގެ ބަލަދުވެރި ފަރާތަކީ، ޓްރާންސްޕޯޓް މިނިސްޓްރީ، ޓްރާންސްޕޯޓް އޮތޯރިޓީ. އެތަން އޮތީ ނިދާފައި. މިކަމުގައި އެއް އަހަރު ވޭތުވެގެންދިޔައިރު، އެތަންތަނަށް ދަންނަވައިގެން އެއްވެސް ކަހަލަ ޖަވާބެއް، ކުރިއެރުމެއް ނުލިބޭ." އޭނާ ބުންޏެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތައް މަޖިލީހާ ހިއްސާކުރަން ސެންޓަރުތަކުން މަސައްކަތް ކުރަމުންދާއިރު، ޓެކްސީ ހިދުމަތާ ގުޅޭގޮތުން މިއަދު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައެއް، ތަޅުމުން ވަނީ ބޭރުކޮށްލާފަ އެވެ.

"އަޅުގަނޑުމެން މި ކުރަމުންދާ މަސައްކަތް ބަލައިނުގަނެ، އެކަހަލަ ނިންމުންތައް ނިންމާތީ ހިތާމަކުރަން. އަޅުގަނޑުމެންވެސް މަސައްކަތް ކުރަމުން މިދަނީ އެހެން އިންޑަސްޓްރީތަކެކޭވެސް އެއްފަދައިން ގައުމުގެ ކުރިއެރުމާއި ލާބައަށް އަދި ރައްޔިތުންނަށް ހިދުމަތް ކޮށްދޭން. މި މަސައްކަތް ބަލައިނުގަންނަ ކަމުގެ ހެއްކެއް އެ މައްސަލަ މިއަދު ބޭރުކޮށްލުމަކީ."

މަޖިލީސް ދޮށަށް އެއްވެފައި ތިބި ޓެކްސީ ސެންޓަރުތަކުގެ ވެރިން ބުނި ގޮތުގައި ބޭނުންވަނީ ދުއްވޭ އަދަދާއި ވަގުތު އިތުރު ކުރުމަށެވެ.

"އިރުއޮއްސި ހައެއް ޖެހީމަ މަސައްކަތް ހުއްޓާލާފައި ގެއަށް ދާން ޖެހުނީމަ މި ތިބެނީ އަނގަޔާ އަތާ ދިމާނުވެފައި. މުވައްޒަފުން މަގުމަތި ވަނީ، ކުއްޔަށް ހިފާފައިހުރި ތަންތަން ބަންދުކުރަނީ ކުލި ނުދެއްކިގެން."

ޓެކްސީ ސެންޓަރުތަކުގެ ވެރިން މަޖިލިސް އިދާރާ ދޮށަށް ދިޔައީ މިއަދު ހެނދުނު 10:00 ހާއިރު އެވެ. އަދި މީޑިއާތަކަށް އިންޓަވިއު ދިނީ ގަޑިއެއްހާއިރު ވާން ގާތްވެފައިވަނިކޮށެވެ. އެފަރާތްތަކުން ބޭނުންވީ ސީދާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީ ހަވާލުކުރުމަށެވެ. ނަމަވެސް އިންޓަވިއު ދިނުމާ ހަމައަށްވެސް އެ ސިޓީ ހަވާލުކުރެވިފައި ނުވެ އެވެ.