25 Mar 2021, 15:40
މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް ގިނަވާން ފެށުމާއެކު މެދުކަނޑާލަން ޖެހުނު ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަލުން ފެށުމަށް އެޗްޕީއޭއިން ހުއްދަ ދީފި އެވެ.
އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ، ދިވެހި ލީގު ފެށުމުގެ ހުއްދަ ލިބުމާއެކު މާދަމާ ލީގުގެ ކުޅުން ފެށުމަށް ޝެޑިއުލްކޮށްފައިވާ ކަމަށެވެ. އަދި މެދުކެނޑުމަށްފަހު ލީގު އަލުން ފެށުމަށްޓަކައި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފްއާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ކޮށްދެއްވި މަސައްކަތަށް ޝުކުރު އަދާކުރައްވާ ކަމަށް ބައްސާމް ވަނީ ވިދާޅުވެފަ އެވެ.
ކޮވިޑްގެ ކޭސްތައް ރާއްޖޭގައި އަލުން އިތުރުވާން ފެށުމާ ގުޅިގެން އެޗްޕީއޭއިން އޭރު ނެރުނު ގައިޑްލައިންތަކާއެކު ދިވެހި ޕްރިމިއާ ލީގު ކުރިއަށް ގެންދަން ހުއްދަ ނުލިބުމުން ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފައިވާ ކަން އެފްއޭއެމުން ހާމަކުރީ މިދިޔަ މަހުގެ ތިންވަނަ ދުވަހު އެވެ. ލީގުގެ ދެވަނަ ބުރުގެ ދެވަނަ މެޗު ވީކުގެ ކުޅުން ކުރިއަށް ދަނިކޮށް ލީގު މެދުކަނޑާލުމާ ގުޅިގެން ފުޓުބޯޅަ އާއިލާގެ ގިނަ ކަންބޮޑުވުންތަކެއް ވަނީ ސަރުކާރަށާއި، އެޗްޕީއޭއަށް ހުށައަޅައިފަ އެވެ.
އެފްއޭއެމްއާ އެކު ކުރި ގިނަ މަޝްވަރާތަކަށް ފަހު އެޗްޕީއޭ އިން ދިން ހަރުކަށި ގައިޑްލައިނެއްގެ ތެރެއިން މިދިޔަ މަހު 28 ވަނަ ދުވަހު ކްލަަބްތަކުން ފަރިތަކުރުންތައް ފެށި އެވެ. އެއީ ހުރިހާ ޓީމެއްގެ ކުޅުންތެރިންނާއި އޮފިޝަލުން ކޮވިޑް-19 ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިގެންނެވެ.
ލީގު އަލުން ފެށުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވަނީ ލީގު މެދުކަނޑާލުމުން ކުލަބުތަކާއި ކުޅުންތެރިންނަށް ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހޭނެ ކަމަށާއި، އެހެންކަމުން ލީގު ފެށުމުގެ ހުއްދަދިނުމަށް އެދި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން އާދޭސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން މިދިޔަ އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުން ވަނީ ވާނުވާގައި ތިބެން ޖެހުމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
ލީގު ފެށުމުގެ ހުއްދަ ލިބުމާ އެކު މާދަމާގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ކުލަބު އީގަލްސް އެވެ. އެއަށްފަހު މާދަންރޭ އޮންނާނީ ކުލަބު ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރަން އޮތް މެޗުތަކެވެ.