ކައުންސިލްތަކުގައި އަންހެނުންގެ ދައުރު އިތުރު ކުރުމުގެ ހެޔޮ އަސަރު ހުރިހާ ރަށަކުންވެސް ފެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އައިއާރުއައި ޕޮލިސީ ކޯޑިނޭޝަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލުތަކުގެ އިންތިހާބަކީ، ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާީ ބަދަލުތައް ތަންފީޒު ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.

އިންތިހާބުން ލާމަރުކަޒީ ނިޒާމަށް އަންނާނެ އެންމެ ބޮޑު ބަދަލަކީ، އިންތިހާބު ކުރެވޭ މަގާމުތަކުގައި އަންހެނުން ތަމްސީލުކުރާ މިންވަރު، އިތުރުވުން ކަމަށާއި މިއީ ރާއްޖޭގެ ތަރައްގީއަށްވެސް އަދި ސިޔާސީ މަސްރަހަށްވެސް އަންނާނެ ހެޔޮ އަދި ބޮޑު ބަދަލެއް ކަމަށް ދެކިލައްވާ ކަމަށް ރައީސް ވިދާޅުިވއެވެ.

"މި ބަދަލުތަކުގެ ހެޔޮ އަސަރު، ރާއްޖޭގެ ކޮންމެ ރަށަކުން ފެނިގެންދާނެ. ފިރިހެނުންނާ އެއް ހަމައެއްގައި، އަދި މަގާމުގެ ގޮތުންވެސް އެއް ފެންވަރެއްގައި، އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުވެގެން ދިޔުމާއެކު، އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމާއި، ގައުމީ ފެންވަރުގައި އެކަމަށް ދެވޭ އަހަންމިއްޔަތުކަން އިތުރުވެގެންދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް 2019 ވަނަ އަހަރު ގެނެވުނު ބަދަލުތަކަކީ ރާއްޖޭގެ ތަރައްގީ އަށް އެޅިގެން ދިޔަ އެންމެ މުހިއްމު އެއް ފިޔަވަޅު ކަމަށެވެ. ރައީސް ވިދާޅުވީ މި ސަރުކާރުން ކުރިއަށްދާނީ ރައްޔިތުން ބާރުވެރިކޮށްލާމަރުކަޒީ ނިޒާމު ހިންގަން ޖާގަ ދީގެން ކަމަށެވެ.

"ރަށްރަށުގެ އިހުތިސޯސް ގައި ހިމެނޭ ބިންތަކާއި ފަޅުތަކާއި، އެހެން ވަސީލަތްތަކުގެ މިލްކުވެރި ފަރާތަކީ، ރަށު ކައުންސިލް. އެ ވަސީލަތްތަކުން ހޯދާ އާމްދަނީ ލިބޭނީ އެ ރަށަކަށް. މިއީ ދިވެހި ތާރީހުގައިވެސް، ރަށުގެ މިލްކުވެރިކަން ރަށުގެ ރައްޔިތުންނަށް ލިބިގެން އައި ފުރަތަމަ ފަހަރުކަން، އަޅުގަނޑު އުފަލާއެކު ފާހަގަކޮށްލަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އާ ގާނޫނުގެ ދަށުން އަތޮޅު ކައުންސިލުތަކުގެ ދައުރުވެސް ފުޅާވެގެން ދާނެ ކަމަށާއި މުޅި އަތޮޅަށް ހިދުމަތް ކުރެވޭނެ ގޮތަށް، ޒިންމާތަކާއި ވާޖިބުތައް، އަތޮޅު ކައުންސިލްތަކާ ހަވާލުކުރެވިފައިވާ ކަމަށެވެ.

"ދެން އޮތީ މަސައްކަތް ކުރުން. މި ގާނޫނުން ލިބިދޭ ބާރުތަކާއި ވަސީލަތްތަކާއެކު، ރަށާއި އަތޮޅާއި ސިޓީތަކުގެ ތަރައްގީއަށް މުހިއްމު މަސައްކަތްތައް ކުރުން. އެކަމަށްޓަކައި ކައުންސިލްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި، އެހީތެރިކަން ސަރުކާރުން ދޭނެ،" ރައީސް ވިދާޅުވިއެވެ.

ކައުންސިލްތަކުގެ މަސައްކަތްތައް އޮންނަނީ، މަރުކަޒީ ސަރުކާރުގެ މަސައްކަތްތަކާ ވަރަށް ބޮޑަށް ގުޅިފައި ކަމަށާއި ކައުންސިލްތަކާ މަތިކޮށްފައިވާޒިންމާތައް، އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް، ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބެންޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރު ހިންގުމުގައި، ޒަމާނުއްސުރެ ގެންގުޅެމުން އައި މަރުކަޒީ ވިސްނުން ދޫކޮށް، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމާއި، ހިދުމަތްތައް ދިނުމުގައި، ލާމަރުކަޒީ އުސޫލަށް ބަދަލުވާންޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުުވިއެވެ.