30 Mar 2021, 22:04
ނައިފަރުން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ 56 އަށް އަރައިފި އެވެ.
ޅ. އަތޮޅު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި މައުލޫމާތު ސެޝަންގައި ވާހަކަ ދައްކަަވަމުން ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ހެލްތު ސާވިސަސް ޖައުފަރު އަބްދުﷲ ވިދާޅުވީ ނައިފަރުން ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސްކޫލުގެ ދެ ޓީޗަރަކާއި ހަ ދަރިވަރަކުވެސް ހިމެނޭ ކަމަށެވެ.
އެރަށުގެެ 61 ގެ އެއްގައި މީހުން ކަރަންޓީނުކޮށްފައިވާ ކަމަށްވެސް ޖައުފަރު ވިދާޅުވިއެވެ. 5000 އަށް ވުރެ ބޮޑު އާބާދީ އެއް އޮންނަ ނައިފަރުން 1311 ސާމްޕަލް ނަގާފައިވާއިރު 427 ސާމްޕަލްގެ ނަތީޖާ އަދި ނުލިބެ އެވެ.
ނައިފަރުން ޕޮޒިޓިވްވި ދެ މީހަކު ވަނީ ފަރުވާ އަށް ކޮވިޑް ފެސިލިޓީ އަށް ބަދަލު ކޮށްފައެވެ.
ޅ. އަތޮޅު ހިންނަވަރުން ޕޮޒިޓިވްވި މީހުންގެ ޖުމްލަ ފަހަކަށް އަރާފައިވާއިރު އޮޅުވެލިފުށިން ޖުމްލަ ދެ މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
ޅ. އަތޮޅުގައި މީހުން ދިރިއުޅޭ ހަތަރު ރަށް އޮންނަ އިރު ކުރެންދޫ ފިޔަވާ އަނެއް ތިން ރަށުން ކޮވިޑް ކޭސްތައް ފެނި އެ ތިންރަށް އޮތީ މޮނީޓަރިން ގަ އެވެ.
ކުރެންދޫގައި ބަލި އޮތްތޯ ބެލުމަށް 127 ސާމްޕަލެއް ނަގާފައިވާއިރު މިހާތަނަށް ނަތީޖާ ލިބުނު 15 ސާމްޕަލް ވެސް ވަނީ ނެގެޓިވް ވެފައެވެ.