31 Mar 2021, 16:21
ރާއްޖެއަށް ބޭނުންވާ 75 ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަށް ފައިސާ ދެއްކުމަށްފަހު ވެންޓިލޭޓަރު ނުލިބުނު މައްސަލައިގައި އެއްވެސް ކަމެއް ނުފޮރުވާނެ ކަމަށް ހެލްތު މިނިސްޓަރު އަހްމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން މިނިސްޓަރު ނަސީމް ވިދާޅުވީ ވެންޓިލޭޓަރުގެ ކަންތައް ހިނގީ މިނިސްޓަރުކަމާ ހަވާލުވުމުގެ ކުރން ނަމަވެސް، އެކަމުގެ ގިނަ ތަފްސީލުތައް ބަޔާންކޮށް މީގެކުރިން މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ.
ނަމަވެސް އަދިވެސް އިތުރު މައުލޫމާތު މަޖިލީހުން ބޭނުންވާނަމަ، ވަރަށް އިހްލާސްތެރިކަމާއެކު އެ މައުލޫމާތު މަޖިލީހަށް ފޮނުވައިދެއްވާނެ ކަމަށެވެ.
"އެއްވެސް އެއްޗެއް ފޮރުވާކަށް އަޅުގަނޑު ނެތިން. އެހެން ހީފުޅުކުރައްވާ ކަހަލަ ގޮތަކަށް ވާހަކަތެއް ވެސް އެބަ ދެކެވޭ. އެކަހަލަ ކަމެއް ނޯންނާނެ. ވެންޓިލޭޓަރާ ގުޅޭ ހުރިހާ ލިޔުމެއް ތިބޭފުޅުން ބޭނުންވާ ކޮންމެ އިރަކުވެސް ލިބޭނެ. އެއްވެސް އެއްޗެއް ފޮރުވިފައެއް ނުވާނެ. އަދި އެހެން އިންވެސްޓިގެޓިވް މުއައްސަސާއަކުން އެދުނު ނަމަވެސް އަޅުގަނޑުމެން ދޭނަން،" މިނިސްޓަރު ވިދާޅުވި އެވެ.
އެ ކުންފުންޏަށް ވެންޓިލޭޓަރު ގަންނަން ދީފައި ވަނީ 30.91 މިލިއަން ރުފިޔާ އެވެ. ނަމަވެސް އޭގެ ތެރެއިން ލިބިފައި ވަނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީހުރި 65 ވެންޓިލޭޓަރު ލިބޭނެ ތާރީހެއް ނޭނގެ އެވެ.
ވެންޓިލޭޓަރުތައް ހޯދަން ކުރި މަސައްކަތުން ނަތީޖާ ނުލިބުމުން، އެ ވެންޓިލޭޓަރުތަކަށް ދެއްކި ފައިސާ އަނބުރާ ހޯދަން އާބިޓްރޭޝަނަށް ދާން ސަރުކާރުން މިހާރު ވަނީ ނިންމައިފަ އެވެ.