އެމްޑަބްލިޔުއެސްސީ ވުޖޫދަށް އައިސްފައިވަނީ، އިތުރުވަމުން ދިޔަ މާލޭގެ އާބާދީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ ފެނާއި ނަރުދަމާގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދީ، ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެ ފުރިހަމަ މަގެއް ތަނަވަސްކޮށް ދިނުމަށްޓަކައި، 1995 ވަނަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހު އެވެ. މިއަދަކީ އެމްޑަބްލިޔުއެސްސީގެ ފެނާއި ނަރުދަމާ ހިދުމަތަށް 26 އަހަރު ފުރޭ ދުވަހެވެ.

ފަސްދޮޅަހަކަށް މުވައްޒަފުންނާއެކު ދުވާލަކު 10،447 ކޮޑިމީޓަރުގެ ފެން، 60،000 މީހުންގެ އާބާދީއަކަށް ފޯރުކޮށްދިނުމަށް ފެށި އެކުންފުނިން މިހާރު ދަނީ 900އަށްވުރެ ގިނަ މުވައްޒަފުންނާއެކު ދުވާލަކު 43،300 ކޮޑިމީޓަރުގެ ފެން އުފެއްދުމުގެ ގާބިލްކަން ހޯދައި، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 50 އިންސައްތައަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުންނެވެ.

އެމްޑަބްލިއުއެސްސީގެ އެންމެ މުހިންމު އަމާޒަކީ ރައްކާތެރި ފެނާއި ނަރުދަމާގެ ހިދުމަތް މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި އަދި ތިވާމެށްޓާ ރައްޓެހި ގޮތެއްގައި، ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. އަދި އިންސާނީ ވަސީލަތްތައް ބިނާކޮށް ކުރިއެރުވުމާއެކު ޒަމާނީ ޓެކްނޮލޮޖީއާއި ވަސީލަތްތައް ބޭނުންކޮށްގެން ހިދުމަތްތައް އިތުރަށް ފުޅާކޮށް، ހިދުމަތުގެ ފެންވަރު އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ހިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައި ދިނުމެވެ.

އެމްޑަބްލިއުއެސްސީ ބިލްޑިން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގްރޭޓާ މާލެ ރީޖަންގެ އިތުރުން އެމްޑަބްލިޔުއެސްސީއިން ކ. މާފުށި، ހދ.ކުޅުދުއްފުށި އަދި ރ. ދުވާފަރުގައި ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެމުން އަންނައިރު ރ. ދުވާފަރުގައި އެކުންފުނިން އަންނަނީ ކަރަންޓާއި ކުނި މެނޭޖް ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

އެމްޑަބްލިއުއެސްސީގެ މައިގަނޑު އަސާސަކީ ފެނާއި ނަރުދަމާގެ ހިދުމަތްތައް ފޯރުކޮށްދިނުން ކަމުގައި ވީނަމަވެސް، 26 އަހަރު ދުވަހުގެ ތަޖުރިބާއާއެކު ކުންފުނިން ވަނީ ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފަ އެވެ.

އެގޮތުން އެކުންފުންޏަކީ މިއަދު ރާއްޖޭގައި ފެނާއި ނަރުދަމާގެ ބޮޑެތި މަޝްރޫއުތައް ހިންގުމުގެ އިތުރުން، ފުޅާދާއިރާއެއްގައި އިންޖީނިއަރިން، މެނުފެކްޗަރިން އަދި ފެނާއި ނަރުދަމާއާ ބެހޭ މުދާ ވިއްކާ، މަސްވެރިންނަށް އައިސް، އަދި ފުޅީގައި ބަންދުކޮށްފައިވާ ފެން އުފެއްދުމާއި ފެނާއި ނަރުދަމާގެ މަސައްކަތްތަކާއި ފެން ވައިރިންއަށް ބޭނުންވާ ހޮޅި އުފެއްދުމާއި އަދި ފެން އުފައްދާ އާރްއޯ ޕްލާންޓް އަމިއްލައަށް ޑިޒައިންކޮށް ފެބްރިކޭޓް ކުރުމުގެ ގާބިލުކަންވެސް ހޯދާފައިވާ ކުންފުންޏެކެވެ.

ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހިދުމަތް ދިނުމަށްޓަކައި އެމްޑަބްލިޔުއެސްސީއިން ދަނީ ތަފާތު އެކިއެކި މަސައްކަތްތައް ކުރަމުންނެވެ. އެގޮތުން އެކުންފުނީގެ ދެ އޮޕަރޭޝަން ސެންޓަރެއްގައި ދަނީ އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓް އުފައްދަމުންނެވެ. އަދި ކަރުދާސް ބޭނުންކުރެވޭ މިންވަރު މަދުކުރުމުގެ ގޮތުން، އެކުންފުނިން އިލެކްޓޯނިކް ހިދުމަތްތައްވެސް ވަނީ ތައާރަފުކޮށްފަ އެވެ.

އެގޮތުން އެމްޑަބްލިއުއެސްސީގެ ވެބްސައިޓް އަދި މޯބައިލް އެޕް މެދުވެރިކޮށް ހިދުމަތްތައް ހޯދައި، ފައިސާ ދެއްކޭނެ އިންތިޒާމް ވަނީ ކަސްޓަމަރުންނަށް ފަހި ކޮށްދީފަ އެވެ.

ކުންފުންޏަށް 26 އަހަރު ފުރިގެންދާއިރު މިއަހަރު އެ ކުންފުނިން އަންނަނީ 34 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއު ބާރު ސްޕީޑްގައި ކުރިއަށް ގެންދަމުންނެވެ. އެގޮތުން ބައެއް ރަށްތަކުގައި އަމަލީ މަސައްކަތް ފަށާފައިވާއިރު ދެން ހުރި ރަށްރަށުގައި އަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

މިދިޔަ އަހަރަކީ މުޅި ދުނިޔެއަށް ނުރައްކާތެރި ކޮވިޑް19ގެ ބަލިމަޑުކަން ފެތުރިގެންދިޔަ އަހަރެއް ނަމަވެސް އެމްޑަބްލިއުއެސްސީއިން ފޯރުކޮށްދޭ ހިދުމަތްތަކަށް އެއްވެސް ބުރުލެއް އެރިއަ ނުދީ ރައްޔިތުންނަށް ފޯރުކޮށްދީފައިވެ އެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށްވެސް އެކުންފުނިން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އެގޮތުން އެކުންފުނީގެ ސީއެސްއާރު ދަށުން ކޮވިޑް ފެސިލިޓީތައް އިމާރާތްކުރުމާއި ތައުލީމާއި ސިއްހީ، އިޖުތިމާއީ އަދި ކުޅިވަރުގެ ދާއިރާއިންވެސް އެހީތެރިކަން ފޯރުކޮށްދީފައިވެ އެވެ.

އެމްްޑަބްލިޔުއެސްސީގެ 26 ވަނަ އަހަރު ފާހަގަކުރުމުގެ ގޮތުން، މިއަދު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު ވަނީ ހުރިހާ މުވައްޒަފުންނާ ވާޗުއްލަކޮށް ބައްދަލުކުރައްވައި މުހާތަބު ކުރައްވާފަ އެވެ.

އޭގެ އިތުރުން 26 އަހަރު ރަމްޒު ކުރުމުގެ ގޮތުން، "ދުވުމުން 26"ގެ ނަމުގައި ކުންފުނީގެ އެކި ފަންތީގެ މުވައްޒަފުން ވަނީ "ވާޗުއަލް ރަން"އެއް ވެސް ވަނީ ބާއްވާފަ އެވެ.

އެމްޑަބްލިއުއެސްސީއިން ވަނީ އެކުންފުނީގެ މުވައްޒަފުން ކުރަމުންގެންދާ ބުރަ މަސައްކަތަކުގެ އަގުވަޒަންކޮށް އެކަމަށް ޝުކުރު އަދާކޮށްފަ އެވެ.