04 Apr 2021, 14:38
ކޮވިޑް 19 އަށް ޕޮޒިޓިވްވާ މީހުންނާއި ކަރަންޓީނުގައި ތިބޭ މީހުންނަށް ވޯޓު ކަރުދާސް ކޮޅުގައި ފާހަގަޖެހުމުގައި އެހެން މީހެއްގެ އެހީތެރިކަން ހޯދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު މިމަހުގެ 10 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އިރު އިންތިހާބަށް އެންމެ ފަހުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ވަމުންނެވެ.
މިފަހަރުގެ އިންތިހާބުގައި ވޯޓު ކާރުދާސްކޮޅުގައި ފާހަގަ ޖެހުމަށް އެހީތެރިކަން ހޯދޭނެ ހަތަރު ހާލަތެއް އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ.
ވޯޓުލާން އެހީތެރިކަން ހޯދޭނެ ހާލަތްތައް
- މުސްކުޅިވެ ގައިބާރު ދެރަވުމުގެ ސަބަބުން އެމީހެއްގެ އަތުން ވޯޓު ކަރުދާހުގައި ފާހަގަ ނުޖެހޭނެ މީހުން
- ދެ އަތް ބޭނުން ނުކުރެވޭ މީހުން
- ލޯފަން މީހުން ނުވަތަ ލޮލަށް ނުފެނުމުގެ ސަބަބުން ވޯޓު ކަރުދާހުގައި ފާހަގަނުޖެހޭނެ މީހުން
- ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ނުވަތަ ކަރަންޓީނުގައި ވާ މީހުން
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ މީހުން ނުވަތަ ކަރަންޓީނުގައި ތިބި މީހުން ވޯޓުލާނީ ވޯޓުލުމުގެ އެންމެ ފަހު ވަގުތުގެ ތެރޭގަ އެވެ. އެމީހުން ވޯޓުލުމަށް ގެންދަން ހާއްސަ އިންތިޒާމުތަކެއް ހަމަޖައްސަން ވަނީ ނިންމައިފަ އެވެ.
އިންތިހާބާ ގުޅޭ މައުލޫމާތު ހޯދުމަށް އިލެކްޝަންސް ކޮމިޝަނުގެ ހިލޭ ގުޅޭ ނަންބަރު 1414 އަށް ގުޅުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިންތިހާބުގައި ވާދަކުރާނީ 3934 ކެންޑިޑޭޓުންނެވެ. އެއީ ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރާ 2264 ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރާ 1670 ކެންޑިޑޭޓުންނެވެ. އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެންވެ އެވެ.