06 Apr 2021, 11:41
ކެނެޑާގެ ސަރުކާރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ މެދުވެރިކޮށް ރާއްޖޭގެ ސިއްހީ ދާއިރާއަށް 1.35 މިލިއަން ކެނޭޑިއަން ޑޮލަރު (އެއް މިލިއަން ޑޮލަރު)ގެ އެހީތެރިކަން ފޯރުކޮށްދީފި އެވެ.
ހެލްތު މިނިސްޓްރީން ބުނީ މިއީ ރާއްޖެ އިން ކޮވިޑް19 އާ ދެކޮޅަށް ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުންނާއި، ރައްކާތެރި ގޮތެއްގައި މެޑިކަލް ވޭސްޓް ނައްތާލުމުގެ މަސައްކަތް ހަރުދަނާކުރުމަށް ޓަކައި ކެނެޑާ ސަރުކާރުން ފޯރުކޮށްދިން އެހީ ކަމަށެވެ.
ކެނެޑާ ސަރުކާރުންނާއި ޑަބްލިއުއެޗްއޯ ގުޅިގެން ރާއްޖޭގައި ގާއިމުކުރާ "ޑިސްއިންފެކްޝަން އޮފް މެޑިކަލް ވޭސްޓް" ޕްރޮޖެކްޓް މިއަދު ވަނީ އިފްތިތާހްކޮށްފަ އެވެ.
އެ ޕްރޮޖެކްޓު އިފްތިތާހް ކުރުމަށް މިއަދު ހެލްތު މިނިސްޓްރީގައި ބޭއްވި ވާޗުއަލް ރަސްމިއްޔާތެއްގައި، މިނިސްޓްރީ އޮފް ހެލްތުގެ އިސް ބޭބޭފުޅުންނާއި، ސްރީލަންކާގައި ހުންނަ ކެނެޑާގެ ހައިކޮމިޝަނަރުގެ އިތުރުން ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ އެކްޓިންގ ރެޕްރެޒެންޓެޓިވް ބައިވެރިވެވަޑައިގެންނެވި އެވެ.
އެ ރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމު ވަނީ މިފަދަ މުހިންމު ޕްރޮޖެކްޓެއް ކުރިއަށްގެންދިއުމަށް ކެނެޑާ ސަރުކާރުންނާއި ޑަބްލިއުއެޗްއޯ އިން ގުޅިގެން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ އެހީތެރިކަން ފާހަގަ ކުރައްވައި ދެ ފަރާތަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ހަމައެއާ އެކު ރާއްޖޭގައި މި ޕްރޮޖެކްޓު ހިންގަން ކެނެޑާގެ ހައި ކޮމިޝަނަރު، ޑޭވިޑް މެކިނޮން ފޯރުކޮށްދެއްވި އެހީތެރިކަން ވެސް ފާހަގަކުރެއްވި އެވެ. އަދި މި ޕްރޮޖެކްޓް ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯގެ އޮފީހުން ކަމުގައިވާތީ، އެފަރާތުން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކުރެއްވި އެވެ.
އެ ޕްރޮޖެކްޓްގެ ދަށުން އަތޮޅު ތެރޭގައި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް' މަރުހަލާތައް ހަރުދަނާކުރުމަށް 40 އޮޓޯކްލޭވް ހޯދުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިހާތަނަށް މިހިދުމަތް ގާއިމުކުރެވިފައިވާ އަތޮޅުތަކުގެ އިތުރުން، 10 އަތޮޅެއްގައި 'މެޑިކަލް ވޭސްޓް މެނޭޖްމަންޓް'ގެ ހިދުމަތްތައް ގާއިމުކުރާނެ އެވެ.
ހެލްތު މިނިސްޓްރީން ބުނީ ސިއްހީ ހިދުމަތް ދިނުމަށް ބޭނުންކުރާ ތަކެތި ރަނގަޅު ގޮތުގައި ނައްތާލުމަކީ ކޮވިޑް19 ފަދަ ގައިންގަޔަށް އަރާބަލިތަކުންނާއި، އެހެނިހެން ޖަރާސީމްތަކުން ރައްކާތެރިވުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ.
އެހެންކަމުން މި ހިދުމަތް ގާއިމުކުރުމުގެ ސަބަބުން ސިއްހީ ހިދުމަތްދޭ މަރުކަޒުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި، ހިދުމަތް ހޯދާ ފަރާތްތަކަށް އިތުރު ރައްކާތެރިކަން ލިބިގެންދާނެ ކަމަށާއި އަދި ހިދުމަތް ދިނުމަށް ބޭނުންކުރާ ތަކެތި އަންދާލުން ނިމުމަކަށް ގެނެވި، މިކަމުގެ ސަބަބުން ތިމާވެށްޓަށް ކުރާ ގެއްލުންތައް ވެސް ކުޑަވެގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެހީތެރިކަމާ އެކު ރާއްޖޭގައި ނޭޝަނަލް ހެލްތު ކެއާ ވޭސްޓް މެނޭޖްމަންޓް ޕޮލިސީ އަދި ސްޓްރެޓެޖީ ވަނީ އެކުލަވާލައިފަ އެވެ. އަދި ހެލްތު ކެއާ ވޭސްޓް ނައްތާލުމުގެ ޕައިލެޓް ޕްރޮޖެކްޓެއް ލ. އަތޮޅުގައި ވަނީ ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފަ އެވެ.