މާލެ ސިޓީ އާއި އައްޑޫ ސިޓީގައި ޒަމާންތަކެއް ވަންދެން އޮތް ފުރިހަމަ ބާރު، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީއަށް ފުރަތަމަ ފަހަރަށް ގެއްލިއްޖެ އެވެ.

އިއްޔެގެ ކައުންސިލް އިންތިހާބާ ހަމައަށް، ރާއްޖޭގެ އެންމެ ބޮޑެ ދެ ސިޓީގެ ކައުންސިލްގެ ސާފު އަޣުލަބިއްޔަތު އެމްޑީޕީއަށް އަބަދު ވެސް އޮވެ އެވެ. ނަމަވެސް، އިންތިހާބުގެ ނަތީޖާތައް އަންނަން ފަށާފައިވާ އިރު، ދެ ސިޓީން އެމްޑީޕީއަށް ވަނީ ގިނަ ގޮނޑިތަކެއް ގެއްލިފަ އެވެ.

މިވަގުތު ނަތީޖާތަކަށް ބަލާ އިރު، މާލޭ ސިޓީގެ މޭޔަރުގެ އިތުރަށް، 18 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ޔަގީން ކުރެވިފައި ވަނީ ހަތް ގޮނޑި އެވެ. މޭޔަރުގެ ގޮނޑިއާ އެކު ޕީޕީއެމް އިން 11 ގޮނޑި ޔަގީންކޮށްފައިވާ ކަމަށް ދައްކަ އެވެ.

އައްޑޫ ސިޓީ ކައުންސިލަށް ބަލާއިރު، އެމްޑީޕީގެ ކެންޑިޑޭޓު އަލީ ނިޒާރު ވަނީ މޭޔަރުކަން ކަށަވަރުކޮށްފަ އެވެ. ނަމަވެސް 13 މެމްބަރުންގެ މައްޗަށް އެކުލެވޭ އައްޑޫ ކައުންސިލްގެ ބާކީ ހުރި 12 ގޮނޑީގެ ދެބައިކުޅަ އެއްބައި އެމްޑީޕީއަށް ވަނީ ގެއްލިފަ އެވެ. ޕީޕީއެމް އިން ތިން ގޮނޑި ނެގި އިރު، އަމިއްލަ ތިން ކެނޑިޑޭޓުން ވެސް ވަނީ ގޮނޑި ކާމިޔާބު ކޮށްފަ އެވެ.

އެހެންކަމުން އެމްޑީޕީއަށް އައްޑޫ ސިޓީ ކައުންސިލްގައި އޮތް ސުޕަ މެޖޯރިޓީ ވެސް މި މިވަނީ ފުރަތަމަ ފަހަރަށް ގެއްލިފަ އެވެ.

މާލެ ސިޓީ އާއި އައްޑޫ ސިޓީގެ ސުޕަ މެޖޯރިޓީ ގެއްލުނު ނަމަވެސް، ކުޅުދުއްފުށި ސިޓީ އާއި ފުވައްމުލަކުގެ މެޖޯރިޓީ އެމްޑީޕީން ވަނީ ހޯދައިފަ އެވެ.

އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފަ އެވެ.