14 Apr 2021, 10:57
ޓެލްއަވީވް (އެޕްރީލް 14) : ޔޫއޭއީގެ ކަނޑުގެ އައްސޭރި ފަށުގެ ކައިރިން ގަލްފުގައި ދަތުރުކުރަމުން ދިޔަ އިސްރާއީލުގެ އާގުބޯޓަށް އިއްޔެ ހަމަލާދިނީ އީރާނުން ކަމަށް ތުހުމަތުކޮށްފި އެވެ.
އިސްރާއީލުގެ ޚަބަރުފަތުރާ ވަސީލަތްތައް ބުނާ ގޮތުން އެ ގައުމުގެ ޕީސީސީ ކުންފުންޏަށް ނިސްބަތްވާ "ހައިޕޭރިއަން ރޭ" ނަމަކަށް ކިޔާ ކާގޯ ބޯޓަށް ހަމަލާ ދީފައި ވަނީ ގަލްފުގެ މަތިން އުދުހެމުންދިޔަ އީރާނުގެ ޑްރޯން އަކުންނެވެ. އިސްރާއީލުގެ ޕީސީސީ ކުންފުންޏާ ހަވާލާދީ އިސްރާއީލުގެ ނޫސްތައް ބުނާ ގޮތުން "ހައިޕޭރިއަން ރޭ" އާގު ބޯޓަށް އަރާފައިވާ ކަމަށް ބެލެވެނީ ޑްރޯން އަކުން ފޮނުވާލި މިސައިލްއެކެވެ. މި ހަމަލާގެ ސަބަބުން އެބޯޓުން މީހަކު މަރުވެފައިނުވި ނަމަވެސް ބައެއް ގެއްލުންތައް ލިބިފައިވާ ކަމަށްވެ އެވެ.
މި ގެއްލުންތަކާ އެކު އެބޯޓު މަރާމަތު ކުރުމަށް ޓަކައި އެބޯޓު މިހާރު މިސްރާބު ޖަހާފައި ވަނީ ޔޫއޭއީގެ ބަނދަރަކަށް ކަމަށް ވެސް އިސްރާއީލުގެ ނޫސްތައް ބުނެ އެވެ. ޔޫއޭއީގެ މީޑިއާ އިން ވެސް ވަނީ ގަލްފުން ދަތުރުކުރި އިސްރާއީލުގެ އާގު ބޯޓަކަށް ލިބުނު ގެއްލުންތަކަކާ ގުޅިގެން އެބޯޓު އެގައުމުގެ ބަނދަރަކަށް އަންނަކަން ކަށަވަރުކޮށްދީފަ އެވެ.
"ހައިޕޭރިއަން ރޭ" ނަމަކަށްކިޔާ އިސްރާއީލުގެ މި އާގުބޯޓަކަށް ޙަމަލާ ދީފައި މިވަނީ މިދިޔަ ހަފްތާގައި ރަތްކަނޑުގައި ދަތުރުކުރަމުން ދިޔަ އީރާނުގެ އާގު ބޯޓެއް ކަމަށްވާ "ސާވައިޒް" އަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އިސްރާއީލު ކަމަށް އެމެރިކާގެ މަސްއޫލުވެރިއަކު ވިދާޅުވެފައި ވަނިކޮށެވެ. ނަން ހާމަކުރަން ނޭދޭ އެމެރިކާގެ މަސްއޫލުވެރިއަކާ ހަވާލާދީ "ނިޔުޔޯކް ޓައިމްސް" ބުނި ގޮތުގައި ރަތްކަނޑުގައި ދަތުރު ކުރަމުން ދިޔަ އީރާނުގެ "ސާވައިޒް" ބޯޓުގައި މިދިޔަ ހަފްތާގައި ޖެހިފައިވާ މައިންއަކީ އިސްރާއީލުން އެ ބޯޓަށް އަމާޒުކޮށް ފޮނުވާލި މައިނެއްކަން އިސްރާއީލުން އެމެރިކާއަށް އަންގާފައިވާ ކަމުގަ އެވެ.
އެ ހަމަލާގައި ލިބުނު ގެއްލުންތައް މަރާމާތު ކުރުމަށް ޓަކައި އީރާނުގެ އާގުބޯޓު ވަނީ އެގައުމުގެ ބަނދަރަކަށް އެނބުރި އައުމުގެ މަގުމަތީގަ އެވެ. އީރާނުން ވަނީ އެގައުމުގެ އާގުބޯޓެއް ކަމަށްވާ "ސާވައިޒް" އަށް ހަމަލާދިނީ އިސްރާއީލު ކަމަށް ތުހުމަތުކޮށް އެކަމުގެ ރައްދު އިސްރާއީލަށް ދޭނެކަމުގެ އިންޒާރު ދީފަ އެވެ. އެގޮތުން އީރާން ވަނީ އެގައުމުގެ އާގުބޯޓުތަކަށް ސީދާގޮތެއްގައި ވެސް އަދި ނުސީދާ ގޮތެއްގައި ވެސް ހަމަލާދޭ ކޮންމެ ގައުމެއްގެ އާގުބޯޓުތަކަށް ވެސް ސަލަމާތާ އެކު އެއްވެސް ކަނޑެއްގައި ދަތުރު ނުކުރެވޭނެކަމުގެ އިންޒާރު ދީފަ އެވެ.
އެހެންކަމުން ޔޫއޭއީގެ ކަނޑުގެ އައްސޭރި ފަށުގެ ކައިރިން ދަތުރުކުރަމުން ދިޔަ އިސްރާއީލުގެ އާގުބޯޓަކަށް އިއްޔެ ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާންކަމަށް ވަނީ ބެލެވިފަ އެވެ. ނަމަވެސް އެޙަމަލާއާ ބެހޭ ގޮތުން އީރާނުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި އިސްރާއީލުން ވެސް އެގައުމުގެ ބޯޓަށް ޙަމަލާދިން ކަމުގެ ތުހުމަތު ރަސްމީ ސިފައެއްގައި އީރާނުގެ މައްޗަށް ކޮށްފައެއް ނުވެ އެވެ.
ފާއިތުވި ދޮޅުމަސްތެރޭގައި ގޮތްނޭނގޭ އިތުރު ދެ ޙަމަލާއެއް ގަލްފުގެ ކައިރިން ދަތުރުކުރި އިސްރާއީލުގެ ދެ އާގު ބޯޓަކަށް ވަނީ އަރައިފަ އެވެ. އެއިން އެއްވެސް ޙަމަލާއެއްގައި މީހަކު މަރުވެފައެއް ނުވެ އެވެ. އެދެ ބޯޓަށް ހަމަލާދިންކަމުގެ ތުހުމަތު އިސްރާއީލުން ކޮށްފައި ވަނީ އީރާނުގެ މައްޗަށެވެ. އީރާނުން އެކަން ދޮގުކޮށްފައެއް ނުވެ އެވެ.
އާގު ބޯޓުތަކަށް ހަމަލާތައް ދިނުމުގެ ކުޅިވަރު ފުރަތަމަ ފެށީ އިސްރާއީލުންނެވެ. އިސްރާއީލުން ވަނީ މެޑިޓަރޭނިއަން ކަނޑު ހުރަސްކޮށް ސޫރިޔާއަށް ދަތުރުކުރާ އީރާނުގެ ތެޔޮ ޓޭންކަރުތަކަށާއި އާގު ބޯޓުތަކަށް އެތައް ހަމަލާތަކެއް ފާއިތުވި ހައެއްކަ މަސްތެރޭގައި ދީފަ އެވެ. އީރާނުން ވަނީ އެކަށީގެންވާ ވަގުތުތަކުގައި އެހަމަލާތަކަށް ބަދަލުހިފާނެ ކަމުގެ އިންޒާރުތައް ދީފަ އެވެ.
އީރާނުގެ އިންޒާރުތަކަށް ފަހު އިސްރާއީލުގެ ތިން އާގުބޯޓެއް މިވަނީ ގޮތްނޭނގޭ ޙަމަލާތަކެއްގެ ޝިކާރައަކަށް ވެފަ އެވެ. އިސްރާއީލުގެ ބައެއް ފަރާތްތަކުން ވަނީ އީރާނުގެ އާގުބޯޓުތަކަށް ހަމަލާދިނުމުގެ ކުޅިވަރަކީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔަހޫ އޭނާގެ އަމިއްލަ ސިޔާސީ ބޭނުމެއްގައި ކުޅެމުންދާ ނުރައްކަތެރި ކުޅިވަރެއްކަމަށް ކަމަށް ސިފަކޮށް އެކަން ހުއްޓާލުމަށް ގޮވާލައިފަ އެވެ. އާގުބޯޓުތަކަށް ގަސްދުގައި ހަމަލާތައް ދިނުމަކީ ބައިނަލްއަގްވާމީ ޓެރަރިޒަމްގެ ތެރޭގައި ހިމެނޭކަމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. (ނޫސްއެޖެންސީތައް)