16 Apr 2021, 21:28
ބްރަސަލްސް (އެޕްރީލް 16): އަފްޣާނިސްތާނުން އެމެރިކާ ސިފައިން ފައިބާއިރު އެގައުމުގައި ތިބި ނޭޓޯގެ ސިފައިންނާއި ނޭޓޯއަށް ވާގިވެރިވާ ގައުމުތަކުގެ ސިފައިންވެސް ފައިބާނެ ކަމަށް އެޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް ޔެންސް ސްޓޯލްޓަންބާގް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ޚާރިޖީ ވަޒިރު އެންޓަނީ ބްލެންކެން އާއި ދިފާއީ ވަޒީރު ލޮއިޑް އޮސްޓިން އާ ބްރަސަލްގައި މަޝްވަރާ ކުރެއްވުމަށްފަހު ސްޓޯލްޓަންބާގް ވިދާޅުވީ އަފްޣާނިސްތާނުގައި ތިބި ނޭޓޯގެ ސިފައިންނާއި ނޭޓޯއަށް ވާގިވެރިވާ ގައުމުތަކުގެ ސިފައިން (ޖުމްލަ 7000 ސިފައިން) ނަށް ބޭނުންވާ ލޮޖިސްޓިކް ސަޕޯޓާއި ޓްރާންސްޕޯޓް އެހީ ދެނީ އެމެރިކާ ސިފައިން ކަމުގައެވެ. އެހެންކަމުން އެމެރިކާ ސިފައިން ފޭބުމުން ނޭޓޯއާއި ނޭޓޯގެ ބައިވެރި ގައުމުތަކުގެ ސިފައިން އަފްޣާނިސްތާނުގައި ބޭތިއްބުން ވަރަށް ދަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުން އަންނަ ސެޕްޓެމްބަރުމަހުގެ 11 އަށް ފަސް ކުރައްވާފައެވެ. ނަމަވެސް އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތާއެކު އެމެރިކާ ސޮއިކުރި އެއްބަސްވުމުގައިވާގޮތުން އަންނަ މޭ މަހުގެ އެއެއްގެ ކުރިން އެމެރިކާގެ ހުރިހާ ސިފައިން އަފްޣާނިސްތާނުން ބާލައި ނިންމަންޖެހެއެވެ. ތާލިބާނުންވަނީ އެމެރިކާ ސިފައިން މޭ މަހުގެ އެއެއްގެ ކުރިން ނުބާލައިފިނަމަ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދޭ ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު ދީފައެވެ.

ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް އެމެރިކާގެ ޚާރިޖީ ވަޒީރާ ބްރަސަލްސް ގައި ބައްދަލުކުރައްވަނީ
އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރީ 2001 ގެ ސެޕްޓެމްބަރު 11 ވަނަދުވަހު އެމެރިކާއަށް ދިން ޓެރަރިސްޓް ޙަމަލާތަކުގެ ފަހަތުގައިވަނީ އަލްގާއިދާ ޖަމާއަތްކަމަށްބުނެ އަލްގާއިދާއަށް ވާގިވެރިވަނީ އަފްޣާނިސްތާނުގެ ތާލިބާން ޖަމާއަތް ކަމަށް ބުނެ ތާލިބާނުން މުޅިން ބަލިކޮށް އެޖަމާއަތް ވުޖޫދުން ފުލެހުމުގެ މަގްސަދުގައި 2001 ވަނައަހަރުގެ ނޮވެމްބަރު މަހުގައެވެ. އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އަރައި އެދުވަސްވަރު އަފްޣާނިސްތާނުގައި އޮތް ތާލިބާނުންގެ ސަރުކާރު ވައްޓާލައި އެމެރިކާ ބޭނުންވާ ސަރުކާރެއް އެގައުމުގައި ގާއިމް ކުރުމުގައި ކާމިޔާބު ހޯދިނަމަވެސް ތާލިބާނުން އަސްކަރީގޮތުން ބަލިކޮށް ތާލިބާނުންގެ ބާރު އަފްޣާނިސްތާނުން ކަނޑުވާލުމުގައި ފާއިތުވި 20 އަހަރުތެރޭގައި އެމެރިކާވަނީ މުޅިން ނާކާމިޔާބުވެފައެވެ.
މި ނާކާމިޔާބީ އާއެކު އިތުރު އެހެން ގޮތެއް ނެތިގެން އެމެރިކާވަނީ 2020 ވަނަ އަހަރުގެ ފެބްރުއަރީމަހު ތާލިބާނުންނާ ސީދާގޮތެއްގައި ވާހަކަދައްކައިގެން އެޖަމާއަތާއެކު ސުލްޙައިގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ތާލިބާނުންނާ ސުލްހަ ވިއިރުވެސް އެމެރިކާއިން ތާލިބާނުން ސިފަކުރަނީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައެވެ. މިއެއްބަސްވުމާ އެއްގޮތަށް މިދިޔައަހަރު އެމެރިކާވަނީ އަފްޣާނިސްތާނުގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު 12 ހާހުން 2،500 އަށް މަދުކޮށްފައެވެ.
އަންނަ ސެޕްޓެމްބަރުމަހު އެމެރިކާ ސިފައިން އަފްޣާނިސްތާނުން ބޭލުމުން ތާލިބާނުން އަފްޣާން ސަރުކާރުގެ މައްޗަށް ގަދަވެގަނެ އެސަރުކާރު ވައްޓާލައި ތާލިބާނުންގެ ވެރިކަމެއް އަފްޣާނިސްތާނުގައި ގާއިމް ކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އެމެރިކާ ގެންދަނީ މިފަދަ ގޮތެއް ވިޔަ ނުދިނުމަށްޓަކައި އަފްޣާން ސަރުކާރާއި ތާލިބާނުންނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ބާރުއަޅައި އެކަމަށް މަސައްކަތް ކުރަމުންނެވެ. އަފްޣާނިސްތާނުގައި ތިބި ނޭޓޯގެ 7 ހާސް ސިފައިންވެސް އެމެރިކާ ސިފައިން އެގައުމުން ފޭބުމުގެ ކުރިން ބޭލުމަށް ވަނީ ހަމަޖެހިފައެވެ. މި 7 ހާސް ސިފައިން ނިސްބަތްވަނީ ނޭޓޯގެ ގައުމުތަކަށާއި ނޭޓޯއަށް ވާގިވެރިވާ އޮސްޓްރޭލިއާ، ކެނެޑާާ އަދި ނިއުޒިލޭންޑް ހިމެނޭގޮތަށް 36 ގައުމަކަށެވެ. (ނޫސްއެޖެންސީތައް)