19 Apr 2021, 12:39
މޮސްކޯ (އެޕްރީލް 19) : ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލުގައި ވަރަށް ހާލުގައި އުޅުއްވަން ޖެހިފައިވާތީއާއި ސިއްހީ ހާލުކޮޅު ގޯސްވެ އޭނާގެ ފުރާނައަށް ނުރައްކާވެފައިވާތީ އޭނާ ޖަލުން ނެރުމަށް ގޮވާލައި ރަޝިއާ ސަރުކާރާ ދެކޮޅަށް ސިލްސިލާ މުޒާހަރާ ކުރަން ރާވާފައިވާ ކަމަށް ނަވަލްނީއަށް ތާއީދުކުރާ އެކްޓިވިސްޓުން ބުނެފި އެވެ.
އިންޓަނެޓްގައި ޝާއިއުކުރި ބަޔާނެއްގައި ނަވަލްނީއަށް ތާއީދުކުރާ އެކްޓިވިސްޓުން ބުނީ ރައީސް ވްލަޑިމީރު ޕޫޓިންގެ ސަރުކާރުން ނަވަލްނީއަށް ކުރަން ބޭނުންވާ ކޮންމެ ކަމެއްކޮށް އޭނާގެ މަރާލާ ހިސާބަށް ކަންތައްދިޔުމުގެ ކުރިން އެކަމާދެކޮޅަށް ހަރަކާތްތެރިވާން ޖެހޭ ކަމަށާ މިހަފްތާގައި ޕޫޓިންގެ ސަރުކާރާ ދެކޮޅަށް ރަޝިއާގެ ސަރަހައްދުތަކުގައި ވަރުގަދަ މުޒާހަރާތަކެއް ފަށާނެ ކަމުގަ އެވެ. މިއީ ރަޝިއާގެ ތާރީޚުގައި ވެސް އެގައުމު ދެކޭނެ އެންމެ ބައިބޯ އަދި އެންމެ ފުޅާ މުޒާހަރާތަކަށް ވެގެންދާނެ ކަމަށް ނަވަލްނީއަށް ތާއީދުކުރާ އެކްޓިވިސްޓުންގެ ބަޔާން ބުނެ އެވެ.
ރަޝިއާ ސަރުކާރުން ނަވަލްނީ ހައްޔަރުކޮށް ޖަލުގައި ބަންދުކުރީ ކޮރަޕްޝަން މައްސަލައެއްގައި އޭނާ ހައްޔަރުކުރުމަށް ފަހު މިނިވަންކުރި ޝަރުތުތަކާ އޭނާ ޚިލާފުވި މައްސަލާގައި މިދިޔަ ފެބްރުއަރީ މަހު އެވެ. ނަވަލްނީ ހައްޔަރުކުރީ އޭނާ ވިހަވެގެން ޖަރުމަނުގެ ހޮސްޕިޓަލެއްގައި އެތަށް ދުވަހެއްވަންދެން ފަރުވާ ހޯއްދެވުމަށް ފަހު ހާލު ކޮންމެވެސް ވަރަކަށް ރަނގަނޅުވުމުން އެނބުރި ގައުމަށް ވަޑައިގަތް ތަނުންނެވެ.
ނަވަލްނީއަށް ވިހަ ދިންކަމުގެ ތުހުމަތު އޭނާ ކުރައްވަނީ ރަޝިއާ ސަރުކާރުގެ މައްޗަށެވެ. ނަމަވެސް ރަޝިއާ ސަރުކާރުން އެކަން ދޮގު ކުރެ އެވެ. ޖަލުގައި ހުންނަވާ ނަވަލްނީއަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ އިރު ހާލުކޮޅު ބޮޑުވުމުންދާތީ އޭނާ ބެލި ޑޮކްޓަރުން ވަނީ ނަވަލްނީގެ ލޭގައި ޕޮޓޭސިއަމް ލެވެލް ފުރާނައަށް ނުރައްކާވާ ހާލަތުގައި ހުރިކަމަށާ އެމައްސަލާގައި އޭނާއަށް ރަނގަނޅު ސިއްހީ ފަރުވާ ނުދީފި ނަމަ މަރުވެދާނެކަމުގެ އިންޒާރު ދީފަ އެވެ.
ނަވަލްނީގެ މައްސަލަ ދުނިޔޭގެ މީޑީއާ ތަކުގެ ސަމާލުކަމަށް އަނެއްކާ ވެސް އެރީ މިހިސާބުންނެވެ. ނަވަލްނީގެ ލޭގެ ޓެސްޓްތަކުގެ ނަތީޖާ ބެލުމަށް ފަހު ޑޮކްޓަރުން ބުނެފައި ވަނީ އޭނާއަށް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑުވުމުގެ އިތުރުން ކިޑްނީ ފެއިލްވުމުގެ މައްސަލަ ވެސް ދިމާވުން ގާތް ކަމަށެވެ. މިކަންކަމަށް ރިއާޔަތްކޮށް އޭނާއަށް އިންޓެންސިވް ގޮތެއްގައި ފަރުވާދިނުމަށް ޑޮކްޓަރުންވަނީ ލަފާދީފަ އެވެ.
ނަވަލްނީ ބުނާ ގޮތުން އޭނާއަށް އެކަށީގެންވާ ފަރުވާއެއް ނުލިބެއެވެ. މީގެއތުރުން އުނަގަނޑުގައި ވަރަށް ބޮޑަށް ރިއްސައި ފައިވެސް އައްސިވަމުންދާކަމުގެ ޝަކުވާ ނަވަލްނީ ގެންދަވަނީ ކުރައްވަމުންނެވެ. އެކަށިގެންވާ ސިއްޙީ ފަރުވާ ނުދޭ މައްސަލާގައި އިހްތިޖާޖް ކުރުމުގެ ގޮތުން ނަވަލްނީ ގެންދަވަނީ ޖަލުގައި ހައިހޫނު ކަމުގެ ހަޅުތާލެއް ވެސް ކުރައްވަމުންނެވެ.
ހައިހޫނުކަމުގެ ހަޅުތާލު ކުރައްވަމުން ގެންދަވާތާ މިހާރު 18 ދުވަސްވެފައިވާ އިރު ނަވަލްނީގެ ހާލަތުދަނީ އިތުރަށް ގޯސްވަމުންނެވެ. އޭނާގެ ހަށިގަނޑުވެސްވަނީ ވަރަށްބޮޑަށް ކަމީނާ ވެފަ އެވެ. މިމައްސަލާގައި އެމެރިކާއިންވަނީ ރަޝިއާއަށް ފާޑު ކިޔާފައެވެ. ނަވަލްނީއަށް ތާއީދުކުރާ އެކްޓިވިސްޓުން ވަނީ ޖަލުގައި ފަރުވާނުދީ އޭނާ މަރުވެއްޖެނަމަ ރަޝިއާ ސަރުކާރުން އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ. (ނޫސްއެޖެންސީތައް)