ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވުމުން، އެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ރައްދު ދެއްވައިފި އެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ އިއްޔެ ރައީސް ސޯލިހަށް މެސެޖް ކުރައްވާފަ އެވެ.

ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރުމާ މެދު މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށާއި ހަވާސާގައި ހުންނަވަން ބޭނުންފުޅުނުވާ ކަމަށެވެ. އަދި އެމަނިކުފާނު ގައުމު ހިންގަން ބޭނުންފުޅުވާ ކަމަށާއި ބޮޑުވަޒީރަށްވެވަޑައިގަންނަވަން ބޭނުންވެވަޑައިގަންނަވާ ކަމަށް މެސެޖުގައިވެ އެވެ.

ރައީސް ނަޝީދުގެ މެސެޖުގައި ހުށަހެޅުއްވީ، 2023ގައި ރިޔާސީ އިންތިހާބު ނުބާއްވައި، އަންނަ އަހަރު ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރާށެވެ. އަދި ސަރުކާރު އުވާލާށެވެ.

އެމަނިކުފާނު ހުށަހެޅުއްވީ، މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އިންތިހާބު ބާއްވަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށެވެ. އަދި އަލަށް އިންތިހާބު ކުރާ މަަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތަށްވެސް ހަމަޖެއްސުމަށް ހުށަހެޅުއްވި އެވެ.

ނަޝީދުގެ މެސެޖާ ގުޅިގެން ރައީސް ސޯލިހު މިއަދު ވިދާޅުވީ ބަރުލަމާނީ ނިޒާމެއް ގެނައުމަށް ރައްޔިތުން މަޖިލީހުގެ ރައީސް އެދިވަޑައިގަތް ނަމަވެސް ވެރިކަން ހިންގުމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމާމެދު ޝައްކެއް ނެތް ކަމަށެވެ.

އަދި ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ކޮންމެ މަޝްވަރާ އަކީ އަދި ކޮންމެ މަސައްކަތަކީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓާ ގުޅޭ ކަންކަން ކަމަށެވެ.

ރައީސް ނަޝީދުގެ މެސެޖާއެކު، ނިޒާމުގެ ބަހުސް އަނެއްކާވެސް ވަނީ ފެށިފަ އެވެ.

ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވީ ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި އިރުއިރުކޮޅާ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލުނުކުރެވޭނެ ކަމަށެވެ.

ކުރީގެ ރައީސް، ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ރައްޔިތުން ބޭނުންވުމުން ކަމަށާއި ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީ ނޫންކަމަށެވެ.

މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ ވެރިކަމުގެ ނިޒާމު އުވާލައި، އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ބާރު އޮތީ ހަމަ އެކަނި ރައްޔިތުންނަށް ކަމަށެވެ.

ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރައްޔިތުން ކޮށްފައިވާ ހުކުމެއް ބާތިލު ކުރެވޭނީ އަނެެއްކާވެސް ރައްޔިތުންގެ ގާތުގައި އަހައިގެން ކަމަށެވެ.

ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު އުޝާމް ވެސް ވިދާޅުވީ ވެރިކަމުގެ ނިޒާމު ކަނޑައަޅާފައިވަނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި އެ ނިންމުން ބަދަލުކުރެވޭނީވެސް ރައްޔިތުންނަށް ކަމަށެވެ.

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމާ ގުޅޭ ވޯޓެއް 2007 ވަނަ އަހަރު ނެގި އެވެ. އެ ވޯޓުގައި ދިވެހި ރައްޔިތުން ނިންމާފައި ވަނީ ރިޔާސީ ނިޒާމަކުން ވެރިކަން ހިންގުމަށެވެ.

ނަމަވެސް 2008 ވަނަ އަހަރު އަމަލުކުރަން ފެށި ފެހި ގާނޫނު އަސާސީ ބިނާވެގެން އައީ ބަރުލަމާނީ ސިފައިގައި ކަމަށާއި، ވެރިކަން ހިންގަން އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް މަޖިލިސް ރައީސް އަންނަނީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.