19 Apr 2021, 22:04
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި އެވެ.
ކަރެކްޝަނަލް ސާވިސްގެ މީޑިއާ އޮފިޝަލް އާމިނަތު ޔުސްރީން އަހްމަދު ވަނީ "ސަން" އަށް އެކަން ކަށަވަރުކޮށްދެއްވާފަ އެވެ.
ޔުސްރީން ވިދާޅުވީ ވެކްސިން ޖެއްސެވުމަށްފަހު ރައީސް ޔާމީން އަނބުރާ މާފުށީ ޖަލަށް ގެންގޮސްފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މިރޭ އޭޑީކޭ ހޮސްޕިޓަލްފައި ރައީސް ޔާމީން ޖެއްސެވީ ފައިޒާ ވެކްސިނެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ވެކްސިން ޖެއްސެވުމަށްޓަކައި ރައީސް ޔާމީން މާލެ ގެނައި ކަމަށް ކަރެކްޝަންސް އިން ބުންޏެވެ. ނަމަވެސް އެމަނިކުފާނުގެ ގާނޫނީ ޓީމުން ނެރުނު ބަޔާނެއްގައި ވަނީ ރައީސް ޔާމީން ގޮވައިގެން އައި ލޯންޗް މާލޭ ޖަލު ސަރަހައްދުގައި މަޑުކޮށްގެން އޮތުމަށްފަހު އެނބުރި ގޮސްފައިވާ ކަމަށެވެ.
އެރޭ ކަރެކްޝަންސް އިން ބުނީ ވެކްސިން ޖެއްސެވުމަށް ރައީސް ޔާމީން އިންކާރު ކުރެއްވި ކަމަށެވެ. ނަމަވެސް ވަކީލުން އެކަން ދޮގުކުރެ އެވެ.