22 Apr 2021, 11:24
ނެޓްފްލިކްސްގެ ހިޓް ޝޯ "ސްޓްރޭޖާ ތިންގްސް" ހަތަރު ވަނަ ސީޒަން އަންނާނީ އަންނަ އަހަރުކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ސްޓްރޭންޖާ ތިންގްސްގެ ހަތަރުވަނަ ސީޒަން އަންނާނީ ކޮން އިރަކުންތޯ ފިން ވުލްފްހާޑް ސުވާލުކުރުމުން ބުނީ "ހީވަނީ އަންނަ އަހަރުހެން" ކަމަށެވެ. ފިން ބުނީ އަންނަ އަހަރުގެ ކޮންމެވެސް ހިސާބެއްގައި މި ސީރީޒް ފެނިގެން ދިޔުން ކަމަށެވެ.
ކުރިން އެންމެން ވެސް އުންމީދުކޮށްގެން ތިބީ އަންނަ މަހު މި ސީރީޒްގެ ހަތަރު ވަނަ ބައި ނެޓްފްލިކްސް އަށް އަންނާނެ ކަމަށެވެ. މި ތާރީޚަށް ސްޓްރޭންޖާ ތިންގްސް ނުގެނެސްދެވެނީ ކޮވިޑް އާ ގުޅިގެން ސީރީޒްގެ ބައެެއް މަސައްކަތްތައް ނުނިމި ހުރުމުން ކަމަށް ޚަބަރުތައް ބުނެ އެވެ.
މި ފަހަރުގެ ސީޒަން އެހެން ސީޒަންތަކަށް ވުރެ މާ ބިރުވެރިވެފައި ރީތި ވާނެ ކަމަށް ސީރީޒްގެ އެކްޓަރު ޖޯއީ ކީރީ ވަނީ މީގެ ކުރިން ބުނެފަ އެވެ. އޭނާ ބުނީ މި ފަހަރުގެ ސީޒަންގައި ތަފާތު ޓްވިސްޓެއް އަންނާނެ ކަމަށާއި މި ސީޒަނުގައި ހޮޕާގެ ބެކް ސްޓޯރީ ކިޔައިދޭނެ ކަމަށެވެ.
ތިން ވަނަ ސީޒަން ނިމުނުއިރު ގިނަ ބަޔަކު ހީކޮށްގެން ތިބީ ހޮޕާ މަރުވީކަމަށެވެ. ނަމަވެސް ހަތަރު ވަނަ ސީޒަންގެ ޓީޒާގައި ހޮޕާ ފެނުމުން ސްޓޭންޖާ ތިންގްސްގެ ފޭނުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔަ އެވެ.