ޓިރާނާ (އޭޕްރިލް 26): އަލްބޭނިއާގެ ވެރިރަށް ޓިރާނާގައި ނުރައްކާތެރި ގޮތަކަށް ކާރު ދުއްވަމުން ދިޔަ މީހަކު ހުއްޓުވުމަށް އާއްމު ރައްޔިތަކު އަމަލު ކުރި ގޮތަށް ގިނަ ބަޔަކު ތައުރީފުކޮށްފި އެވެ.

ޓިރާނާގެ ސިޓީ ސްކޮޔާއަށް ގިނަ އަދަދެއްގެ މީހުން އެއްވެފައިވާ ދަނޑިވަޅެއްގައި ހިނގި އެ ހާދިސާގެ ވީޑިއޯތަކުން ފެންނަނީ އެއްވެސް ކޮންޓްރޯލެއް ނެތި މީހަކު ކާރެއް ދުއްވާ މަންޒަރެވެ. އަދި ކާރުގެ ދޮރު ހުޅުވިފައި ވަނިކޮށް ޑްރައިވަރު އުޅަނދުން ނެރެން ބަޔަކު މަސައްކަތް ކުރި ނަމަވެސް އެކަން ނާކާމިޔާބުވި އެވެ.

އެއަށް ފަހު ކާރުގެ ދޮރު ލެއްޕޭ މަންޒަރު ފެނެ އެވެ. ނަމަވެސް ދޮރުގެ ބިއްލޫރި ތިރިކޮށްފައި ހުރުމުން މީހަކު ފުއްމައިގެން ގޮސް، ކާރު ތެރެއަށް ވަންނަ މަންޒަރު ވީޑިއޯތަކުން ފެނެ އެވެ. އެ މީހާ ކާރު ތެރެއަށް ފުއްމާލި ގޮތުން ޑްރައިވަރުގެ ގައިގައި ޖެހުނީ އޭނާގެ ފަޔެވެ. އެހާ ހިސާބުން ކާރު ހުއްޓުމުން، އިތުރު މީހުން ވެސް ގޮސް ޑްރައިވަރު ހިފަހައްޓާ ތަން ވީޑިއޯތަކުން ފެނެ އެވެ.

އެ ހާދިސާ ހިނގީ ކޮވިޑް-19 ވެކްސިން ޖަހަން ސިޓީ ސްކޮޔާގައި ހަދާފައިވާ ޓެންޓުތައް ކައިރިއަށް ގިނަ އަދަދެއްގެ މީހުން އެއްވެފައި ވަނިކޮށެވެ. އަދި އެ މަސައްކަތާ ބެހޭ ގޮތުން ރިޕޯޓު ކުރަން މީޑިއާތައްވެސް ޖަމާވެފައި ވަނިކޮށެވެ. އެހެންކަމުން އެ ހާދިސާގެ ވީޑިއޯތައް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.

އެ ހާދިސާއަށް ފަހު މީޑިއާއާ ވާހަކަ ދައްކަމުން އެ މީހާ ބުނި ގޮތުގައި އޭނާ ހީކުރީ އެއީ ޓެރަރިސްޓު ހަމަލާއެއް ކަމަށެވެ. އަދި އެ ޑްރައިވަރު މަސައްކަތް ކުރީ ކިޔޫ ހަދާފައި ތިބި މީހުންގެ ގައިގައި ކާރުން ޖައްސަން ކަމަށެވެ.

އެ ވީޑިއޯ ބެލި މީހުން ވަނީ ކާރު ތެރެއަށް އެ މީހާ ފުއްމާލި ގޮތުން، އޭނާއަކީ 'ހީރޯ'އެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އެ މީހާގެ ހިތްވަރަށް މެޑަލްއެއް ހައްގު ކަމަށްވެސް ބުނެފަ އެވެ.

އަލްބޭނިއާގެ ފުލުހުން ބުނި ގޮތުގައި އެ ކާރުގެ ޑްރައިވަރު އިނީ މަސްތުވެގެން ކަމަށް ބެލެވެ އެވެ. އަދި މީގެ ކުރިން ޓިރާނާގައި އޭނާ ދުއްވި ތިން ކާރެއް އެކްސިޑެންޓުވެ، ގެއްލުންވެފައިވާ ކަމަށް ބުނެފަ އެވެ.