މޯލްޑިވްސް ޕޮލިސް ސާވިސްގެ މެރިން ޕޮލިހުގެ ކުރީގެ ވެރިޔާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސަށް އަލުން އެ ވަޒީފާ ހަމަޖައްސައިދީފި އެވެ.

ފުލުހުން ވަނީ އަދުނާނަށް އަލުން ވަޒީފާ ހަމަޖައްސައިދިންކަން "ސަން"އަށް ކަށަވަރުކޮށްދީފަ އެވެ.

އަދުނާން ވަޒީފާއިން ވަކިކުރީ ފުލުހުންގެ މުވައްޒަފުންތަކެއް ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާއެއް ހޯދައި ދިނުމަށްޓަކައި މަގާމުގެ ހައިސިއްޔަތުން ލިބިފައިވާ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށް، ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތްކުރާ ފަރާތްތަކާމެދު އާންމު ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރަށް އުނިކަން ލިބޭގޮތަށް "ފުލުހުންނާއި ސިފައިން ހިންގި ބަޣާވާތް"ގެ ނަމުގައި ރިޕޯޓެއް ތައްޔާރު ކުރުމުގައި ބައިވެރިވި ކަމުގެ ތުހުމަތުގައި އޮގަސްޓު 7، 2012ގަ އެވެ.

އަދުނާނަށް އަލުން ވަޒީފާ ހަމަޖައްސައިދީފައިވަނީ އޭނާ ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުންނެވެ.

ވަޒީފާއިން ވަކިކުރި މައްސަލައިގައި އަދުނާނު ދައުވާ ކުރުމުން ސިވިލް ކޯޓުން ނިންމާފައި ވަނީ އޭނާ ވަކި ކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. ނަމަވެސް، އެ ނިންމުން ހައިކޯޓުން ވަނީ ބާތިލުކޮށްފައެވެ. އަދުނާންގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ހައިކޯޓުގެ ހުކުމް ބާތިލްކޮށް، ސިވިލް ކޯޓުގެ ހުކުމަށް ތާއީދު ކޮށްފަ އެވެ.

އަދުނާން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގައި ގެންގުޅެންޖެހޭ އުސޫލުތަކާއި އެއްގޮތަށް ނޫން ކަމާމެދު ސުޕްރީމް ކޯޓުގައި ދައުލަތުންވެސް ވަނީ އެއްބަސްވެފަ އެވެ.